ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުތަކުގައި ތިބި ގިނަ ދިވެހިން ގެނައުމަށްޓަކައި ކަރަންޓީން ފެސިލިޓީތައް އިތުރުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހު 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ. މިހާރު ރާއްޖޭގައި 12 ކަރަންޓީން މަރުކަޒުތަކައި 1،100 ޖާގަ ހިމެނެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ކަރަންޓީން ފެސިލިޓީސް އިތުރުކުރުމަށް ސަރުކާރުން މިހާރު ބައެއް ރިސޯޓުތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން މާލެ ކައިރީ ރިސޯޓުތަކާ އެތަންތަން ކަރަންޓީން ފެސިލީޓީސްތަކަށް ހެދުމަށް...އޭގެ ތެރޭގައި ޕެރަޑައިސް އައިލެންޑް ރިސޯޓާވެސް ދަނީ މަޝްވަރާ ކުރަމުން،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އެކަމުގައި ޓުއަރިޒަމް މިނިސްޓްރީން ރިސޯޓުތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ވަކި ތަނެއް ކަރަންޓިން ފެސިލިޓީއަަކަށް ހެދުމަށް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާތަަނަށް ލަންކާ، އިންޑިއާ އަދި މެލޭޝިއާ އިން 500 އެއްހާ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގައުމުތަކަށް ފްލައިޓުތައް ވަނީ ޝެޑިއުލްކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ހިސާން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިން ގެންނާނެ ދުވަސްތަކާއި އަދަދުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން މާދަމާ ޓްރްވިންޑްރަމް އިން 200 މީހުން ގެންނަ އިރު، ކޮޗިން އާއި ބެންގަލޫރުން ހޯމަ ދުވަހު 150 މީހުން އަދި މިމަހު 16 ވަނަ ދުވަހު ނޭޕާލްއާއި ބަންގްލަދޭޝް އިން 69 މީހުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ހިސާން ވިދާޅުވީ، އެ އަދަދުތައް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ކަރަންޓީން ފެސިލިޓީތަައް އިތުރު ކުރުމަށް ސަރުކާރުން މަޝްވަރާކުރަމުން ދާއިރު، 14 ދުވަސް ހަމަވުމުން ޓެސްޓު ހެދުމަށްފަހު ނެގަޓިވްވާ މީހުން ކަރަންޓީން ފެސިލިޓީތަކުން މިީހުން ދަނީ ދޫކުރަމުންނެވެ. އެގޮތުން މިއަދު 26 މީހަކު ވަނީ ދޫކޮށްފައެވެ. އަދި 14 ދުވަސް ހަމަވުމުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ، 59 މީހަކު ވަނީ ޓެސްޓުކޮށްފައެވެ.

މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 662 މީހުންނެވެ.