އަންނަ މަހުން ފެށިގެން ޗާނދަނީ މަގުގައި ހަތަރު ފުރޮޅުލީ އުޅަނޑުތަކަށް ޕާކްކުރުން މަނާ ކުރުމަށް ވިސްނަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ ޗާނދަނީމަގުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުން މަނާ ކުރަން ނިންމެވީ އެ މަގު ޒީނަތްތެރި ކުރުމުގެ މަޝްރޫއެއް ހިންގަން އުޅުއްވާތީ ކަމަށާއި ނަމަވެސް އަދި މުޅިން އެގޮތަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.

"އެ މަގުގައި ގަސް އިންދުމާއި މަގުމަތީގެ ބައްތިތައް ބަދަލުކުރުމާއި ޕާކް ކުރުމުގެ ކަންތައް ވެސް ވަކި ގޮތަކަށް ހަމަޖައްސަން ނިންމާފައި ވަނީ،" އަލިބެ ވިދާޅުވި އެވެ.

އެ މަގުގައި ޕާކް ކުރުން މަނާކުރާ އިރު، އަމީނިއްޔާ ސްކޫލާއި ގައުމީ ދާރުލްއާސާރާ ދޭތެރޭ އޮންނަ ލިލީމަގުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރެވޭނެ ގޮތަށް މަގުފަހި ކޮށްދޭނެ ކަމަށާއި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ޗާނދަނީމަގުގައި ޕާކް ކުރުން މަނާކުރާ ގަވައިދެއް އެކުލަވައިލައްވާނެ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަނާ މިކުރަނީ ކާރު ފަދަ އުޅަނދުތައް. އެމަގުގައި ޕާކް ކުރުން މަނާ ކުރާ އިރު ލިލީމަގު ތައްޔާރު ކުރެވޭނެ ޕާކް ކުރެވޭ ގޮތަށް،" އަލިބެ ވިދާޅުވި އެވެ.