ޕެރިސް (10 އެޕްރީލް 2020) : ފަރަންސޭސި މަތިންދާބޯޓު އުފުލާ މަނަވަރު ޗާލް ޑިގޯލް ގެ ފަޅުވެރިންގެ ތެރެއިން 50 މީހަކަށް ކޮރޯނާ ވައިރަސް ޖެހުމާއެކު ފަރަންސޭސި ކަނޑުގެ ސިފައިންގެ ޚިދްމަތްތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެއްޖެއެވެ.

ފަރަންސޭސި ސިފައިންގެ ލަޝްކަރުތަކާބެހޭ ވުޒާރާއިންބުނީ ޗާލް ޑިގޯލް ގެ ފަޅުވެރިންގެ ތެރެއިން 50 މީހުން އެވައިރަސް އަށް ޕޮޒިޓިވްފެފައިވާ ކަމަށާ ޕޮޒިޓިވްވި ސިފައިންނާ އެކު އުޅުނު ސިފައިން ހޯދައި އެމީހުން ކަރަންޓީނު ކުރުމަށް މަސައްކަތްކުރަމުންދާ ކަމުގައެވެ. އަދި ޕޮޒިޓިވްފެފައިވާ މީހުން އެކަހެރިކޮށް އެމީހުންނަށް ފަރުވާދެމުން ގެންދާކަމަށްވެސް އެ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ގަލްފުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ޗާލް ޑިގޯލް މަނަވަރު މީހާރު ދަތުކުރަމުންދަނީ ފަރަންސޭސިވިލާތުގެ ދެކުނުގައިވާ ތޮލޯން ބަނދަރާ ދިމާއަށެވެ. އެއީ ފަރަންސޭސިވިލާތުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ޚާއްސަ ބަނދަރެއް އޮންނަ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރީގައިވާ އެގައުމުގެ ދެކުނުގެ ރަށެކެވެ.

ފަރަންސޭސި ސިފައިންނާބެހޭ ވަޒީރު ފްލޮރެންސް ޕާލީ

ކޮރޯނާ ވައިރަސް މަނަވަރަށް އެރިގޮތެއް ނޭންގެ

ޗާލް ޑިގޯލް މަނަވަރު ކަނޑުމަތީގައި ވަނިކޮށް އެ މަނަވަރުގެ ސިފައިންނަށް ކޮރޯނާ ވައިރަސް ޖެހުނު ގޮތެއް ނޭންގޭކަމަށާ ފާއިތުވި ދެމަސްތެޜޭގައިވެސް އެމަނަވަރުގެ މީހަކު އެހެންތަނަކަށް ގޮސްފައިނުވާކަމަށް ފަރަންސޭސި ސިފައިންގެ ލަޝްކަރުތަކާބެހޭ ވަޒީރު ފްލޮރެންސް ޕާލީ ވިދާޅުވިއެވެ.

ޕާލީ ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ފަރަންސޭސި ކަނޑުގެ ސިފައިންގެ ހަރަކާތްތަކަށް ބުރޫ އަރާފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ފަރަންސޭސި ވައިގެ ސިފައިންނަށް ކޮރޯނާ ވައިރަސްގެ މާބޮޑު އަސަރެއް ނުކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްކަމަށްވާ ޓިއޮޑޯ ރުޒަވެލްޓްގެ ސިފައިންގެ އެތަށް ބަޔަކަށް ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އެ މަނަވަރުގެ ޚިދްމަތްވެސްވަނީ ހުއްޓާލާފައެވެ. މިއާއެކު ޓިއޮޑޯ ރުޒަވެލްޓްވަނީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޖަޒީރާއެއްކަމަށްވާ ގުއާމްގައިވާ އެމެރިކާގެ އަސްކަރީ ބަނދަރަކަށް ގޮސްފައެވެ.

ޓިއޮޑޯ ރުޒަވެލްޓް މަނަވަރުން ކޮރޯނާ ވައިރަސްއަށް 416 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ބައެއްމީހުން މަރުވެފައިވާ ކަމަށާ އެމެރިކާގެ ދިފާއީ ވުޒާރާއިން އެކަން ސިއްރުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)