މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން އުފަންވި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 1.6 މިލިއަން މީހުންނަށް ވަނީ ބަލި ޖެހިފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 369،927 އެވެ.

އެންމެ ގިނަ މީހުން ކޮވިޑަށް ޕޮސިޓިވްވެފައި ވަނީ އެމެރިކާއިންނެވެ. ފާއިތުވި 4 ގަޑިއިރު ތެރޭ އެގައުމުން 1236 މީހުން މަރުވި އިރު މިހާތަނަށް 4،78،366 މީހުންނަށް ބަލިޖެހިފައިވެއެވެ. ކޮރޯނާ ޖެހިގެން އެމެރިކާ އިން 17 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެގައުމުން ޖުމްލަ 157،053 މީހުންނަށް ބަލި ޖެހިފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ސްޕެއިން 3831 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އެގައުމުން 15970 މީހުން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

އިޓަލީ އިން 147،577 މީހުންނަށް ބަލިޖެހުނުއިރު 24 ގަޑިއރު ތެރޭ ބަލި ޖެހުނު މީހުންގެ އަދަދު 3951 އަށް އަރައެވެ. އެގައުމުން 18،849 މީހުން މަރުވެފައިވެއެވެ.

އިނގިރޭސިވިލާތުން 70 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނުއިރު ފާއިތުވު 24 ގަޑިއރު ތެރޭ އެ ގައުމުން 5195 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިނގިރޭސި ވިލާތުން ބަލީގައި މަރުވި މީހުންގެ ޖުމްލަ އަކީ 8,958 އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 980 މީހަކު ވަނީ އެ ގައުމުން މަރުވެފައެވެ.

ބަލި ފުރަތަމަ ފެނުނު ޗައިނާ އިން ފާއިތުވި 24 ގަޑިއިރު ތެރޭ ބަލީގައި މަރުވީ އެންމެ މީހެކެވެ. އެ ގައުމުން މިހާތަނަށް 81,907 މީހަކަށް ބަލި ޖެހުނުއިރު މަރުވީ 3,336 މީހުންނެވެ.

ރާއްޖެއިން 19 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހެކެވެ. 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ޔަމަނުން ވަނީ ކޮރޯނާގެ ފުރަތަމަ ކޭސް ފެނިފައެވެ. އެ ގައުމުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޔޫއޭއީ އިން އެ ގައުމަށް ދިޔަ ބިދޭސީއެކެވެ.

ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.