10 Apr 2020, 21:06
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
ކޮރޯނާ އާއި ގުޅިގެން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ކުއްލި ނުރައްކަލުގެ މުއްދަތު އާދިއްތަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އެ މުއްދަތު އިތުރު ކުރުމަށް ނިންމަވާފައިވަނީ މިރެ އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރަށް ދެމެހެއްޓުމަށް މިރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮރޯނާ ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން މާޗު 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އަދިވެސް އޮތްކަމަށް ޑީޖީ އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާކަމަށް މިނިސްޓަރުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ގަރާރުގައި އިތުރަށް ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ވަގުތާ ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރުގެ ގަރާރުގައި ވަނީ ޑީޖީ އޮފް ޕަބްލިކް ހެލްތަށް އަންގަވައިފައެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވޭނީ އާންމު ސިއްހަތައް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނަރަލަށް ފެނިއްޖެ ހިނދެއްގައި އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް ލަފާދޭ ޖެހޭ ހާލަތުގަ އެވެ.ެ
އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ؛
- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން.
- މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
- ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން
- އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
- ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.
- ސަބަބު ބަޔާން ކޮށްދިނުމަށްފަހު މީހެއްގެ އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު ވަޒީރަށް ލިބޭނެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާއިރު ހަތަރުވަނަ ހަފްތާއަކަށް ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ.
ރާއްޖެއަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދޫކުރުންވެސް މިހާރު ހުއްޓާލާފައިވާއިރު މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.