10 Apr 2020, 18:49
ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުން މޫދަށް ފުންމާލި އެ ރިސޯޓުގެ މުދިމު ހޯދަން އެމްއެންޑީއެފް އިން ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު 10:13 އެހާކަންހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.
އެ ރެއިން ފެށިގެން އެމީހާ ހޯދަން އެ ސަރަހައްދުގައި އަންނަނީ ޑައިވް ކުރަމުންނެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އޭނާ ފެނިފައި ނުވާ ކަމަށެވެ.