ވިސާ ހަމަވެގެން އަނބުރާ ރާއްޖެ އަންނަން ޖެހޭ ހާލަތުގައި ވަރަށް ގިނަ ދިވެހީން އިންޑިއާގައި އެބަތިބި ކަމަށާއި އެކަން ހައްލުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ޑީއާރްޕީން ބުނެފި އެވެ.

ޑީއާރްޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުވެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނާއިބް ލީޑަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި ވިސާ ހަމަވެގެން އަނބުރާ ރާއްޖެ އަންނަންޖެހޭ ހާލަތުގަ ވަރަށް ގިނަ ދިވެހީން އިންޑިއާގަ އެބަތިބި ކަމަށާއި އިންޑިއާގަ ތިބި ދިވެހި ރައްޔިތުންނަށް ދިގު މުއްދަތުގެ ވިސާ ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.

"އިންޑިޔާގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން ދިގު މުއްދަތެއްގެ ވިސާ ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ވަމުން ދޭ. މިކަން ހައްލު ކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ވެސް ކުރައްވަން ޖެހޭ މަސައްކަތްތަކެއް ނުކުރައްވާކަމަށް މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު ތަކުން ދައްކަނީ،" އަންޑޭ ވިދާޅުވިއެވެ.

Ahmed Mohammed (Andey) (mp3)

އޭނާ ވިދާޅުވީ އިންޑިއާގައި ތައުލީމް ހާސިލް ކުރާ ދިވެހި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ނުލިބޭނެ ކަމަށް ނިންމައި އިންޑިއާގެ ވިސާ ދިނުމާއި ބެހޭ ފަރާތްތަކުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެންބަސީ އަށް އަންގާފައިވާ ކަމަށެވެ.

"މިއީ މީގެ އެތަށް މަހެއް ކުރިން ގެންނަވާފަވާ ބަދަލެއް. ޑިޕެންޑެންޓް ވިސާ ދިނުން މާނަ ކުރާގޮތަށް އައިސްފައި އޮތް ބަދަލެއް. ޑިޕެންޑެންޓް ވިސާ ކުދިންގެ ބެލެނިވެރިންނަކަށް ނުލިބޭ. މިއީ އިންޑިއާގެ ވިސާ ދިނުމާއި ބެހޭ ފަރާތްތަކުން އެގޮތަށް ނިންމާ އެ މައުލޫމާތު ހުރިހާ އެންބަސީތަކަށް ދީފައޮތް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ގިނަ މުވައްޒަފުން ބައިތިއްބައިގެން ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރާއިރު އެތަންތަނުން އެކަށީގެންވާ ގޮތެއްގަ މިކަމާއި ބެހޭގޮތުން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައި ނުވާކަމަށެވެ.

Ahmed Mohammed (Andey) (mp3)

މިކަމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ކުރިން ވިދާޅުވެފައި މިކަން ހައްލުކުރެވޭނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ފްރޭމްވޯކް އެގްރިމެންޓްގެ ގައި ސޮއި ކުރެވިގެން ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ތާރީޚެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.