ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އިޓަލީން މިހާތަނަށް 100 އަށް ވުރެ ގިނަ ޑޮކްޓަރުން މަރުވެއްޖެއެވެ.

އިޓަލީގެ އެފްއެންއޯއެމްސީއީއޯ ހެލްތު އެސޯސިއޭޝަންއިން އިއްޔެ ބުނީ އެގައުމުގައި މިދިޔަ ފެބްރުއަރީން ފެށިގެން ކޮރޯނާ ފެތުރެން ފެށި ފަހުން މިހާތަނަށް 101 ޑޮކްޓަރުން މަރުވެފައިވާ ކަމަށެވެ.

މަރުވި ޑޮކްޓަރުންގެ ތެރޭގައި ފަރުވާ ދިނުމުގައި ހަރަކާތްތެރިވި އިޓަލީގެ ރިޓަޔާކޮށްފައި ތިބި ޑޮކްޓަރުންވެސް ހިމެނެއެވެ.

މިދިޔަ މަހު ފަހުކޮޅު ކޮރޯނާ ކޮންޓްރޯލް ކުރަން އުފެއްދި ޓާސްކްފޯސްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 8000 އެއްހާ އިޓަލީގެ ޑޮކްޓަރުން ވޮލަންޓިއަރުންގެ ގޮތުގައި ނުކުތެވެ.

އިޓަލީގެ އެފްއެންއޯއެމްސީއީއޯ ހެލްތު އެސޯސިއޭޝަންގެ ރައީސް ފިލިޕޯ އަނެލީ ވިދާޅުވީ ކޮރޯނާއަށް ފަރުވާދޭން ރައްކާތެރިކަމުގެ ސޫޓްތަކާއި އެއްޗެތި ނުލައި ސިއްހީ މީހުން ދެން ނޮފުނުވޭނެ ހާލަަތަށް މިހާރު ގޮސްފައިވާ ކަމަށެވެ.

ރޯމްގެ އައިއެސްއެސް ޕަބްލިކް ހެލްތު އިންސްޓްޓްއިޓްއިން އަންދާޒާ ކުރާ ގޮތުގައި އިޓަލީން ބަލި ޖެހުނު މީހުންގެ 10 އިންސައްތައަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ 30 ނަރުހުންނާއި އެސިސްޓެންޓުންވެސް މިހާރު ވަނީ މަރުވެފައެވެ.

މިހާތަނަށް އިޓަލީގެ 143،626 މީހަކަށް ބަލި ޖެހިފައިވާއިރު 18،279 މީހަކު ވަނީ މަރުވެފައެވެ.