އަންނަ އާދިއްތަ ދުވަހުން ފެށިގެން ވޯކް ވިސާ އާއި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކަށް ވިސާ އާކޮށްދޭން ނިންމައިފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮރޯނާ އާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ސަރުކާރު ބަންދު ކުރުމުން އިމިގްރޭޝަނުން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ވިސާ އާއި ގުޅުންހުރި ކަންތައް ފުރިހަމަ ކުރުމުގައި ދަތިތައް ދިމާވާތީ، އާދިއްތަ ދުވަހުން ފެށިގެން ވޯކް ވިސާ އަދި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވިސާ އާކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ވިސާ އާއި ގުޅުންހުރި ހިދުމަތް ތަކަށް އެދުމުގެ ފުރުސަތު ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ހުޅުވާލާފައިވާއިރު ވިސާ ޖެހުމަށްފަހު ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:10 އިން މެންދުރު 12:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ވިސާ އަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އާއި 12:00 އާއި ދެމެދު ކަމަށެވެ. އެޕޮއިންޓްމެންޓު ދޫކުރެވޭ ފަރާތްތަކުން ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ބުނީ ހިދުމަތްދޭނީ ފިޒިކަލް ޑިސްޓެންްސިން އަށް ސަމާލުކަން ދީގެން ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކުން މިކަމަށް ސަމާލުވެ، މަސައްކަތް ރޭވިފައިވާގޮތަށް ހުރުމަތްތެރިކޮށް ހިތުމަށް އެދޭކަމަށެވެ.

އިމިގްރޭޝަނުން ބުނީ ޓޫރިސްޓު ވިސާ އާއި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އާކުރުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މި ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއާޕޯޓަށް ދިޔުމުން ފުރޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ނަމަވެސް 19 މާރޗް 2020 ގެ ކުރީގެ ތާރީހަކަށް ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާފަރާތްތަކުން ވިސާ އާކުރުމަށް އެދި ހުށަހަޅާ ފޯމާއިއެހެނިހެން ލިޔެކިއުންތަށް[email protected]އަށް މެއިލްކުރުމަށް އިމިގްރޭޝަނުން އެދެއެވެ.

މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވިސާ ޖެހުމަށް ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މައުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.