10 Apr 2020, 15:16
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާ، ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީއިން އިން ބުނީ، އިއްޔެ ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަތަކުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19އާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލާ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑަޝިޕަށް ތައުރީފްކުރައްވާފައި ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރަށް އެރުވި ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ.
ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.