10 Apr 2020, 14:32
ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވަށް ދެ ޕަސެންޓުގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓްގެ މާޗް މަހުގެ ރިޕޯޓުގައި ބުނާ ގޮތުން ފެބްރުއަރީ މަސް ނިމުނުއިރު ރިޒާވުގައި ހުރީ 757.4 މިލިއަން ޑޮލަރު (11.63 ބިލިއަން ރުފިޔާ) އެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ދެ ޕަސެންޓު އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 19 ޕަސެންޓު ދަށް އަދަދެކެވެ.
މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރިޒާވްގައި ހުރީ 776.6 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ޖީޑީޕީއަށް ބަލާއިރު އެމްއެމްއޭއިން ކުރިން ލަފާކުރީ މިއަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު 7.5 ޕަސެންޓަށް މަތިވާނެ ކަމަށެވެ.
ނަމަވެސް ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަމާއެކު މިހާރު އެމްއެމްއޭއިން ލަފާކުރަނީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށެވެ.
އެގޮތުން ތަފާތު ހަތަރު ހާލަތެއްގައި ޖީޑީޕީއަށް އަންނާނެ ހީނަރުކަން އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
މައިނަސް އަދަދުތަކުން ލަފާކޮށްފައިވާ މި ހާލަތްތަކުގެ ތެރެއިން ފުރަތަމަ ހާލަތުގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް ލަފާކުރެވެނީ 7.7- ޕަސެންޓުގަ އެވެ.
ދެވަނަ ހާލަތުގައި 9.9- އަދި ތިންވަނަ ހާލަތުގައި 11.5- ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ ދަށް ހާލަތުގައި އެ އަދަދު ހުންނާނެ ކަމަށް އެމްއެމްއޭއިން ލަފާކުރަނީ 17.7- ޕަސެންޓުގަ އެވެ.