ޒިންބާބުވޭގެ ދީނީ އިލްމްވެރިއެއް ކަމުގައިވާ މުފްތީ ފަޟީލަތުއްޝައިޚް އިސްމާއީލް މޫސާ މެންކު، ރާއްޖެ ވަޑައިގެން ދީނީ ދަރުސްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މުފްތީ އިސްމާއީލު މޫސާ މެންކު ރާއްޖޭ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 އިން 21 އަށް ކަމަށާއި އެމަނިކުފާނުގެ މިދަތުރުފުޅަކީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މުފްތީ އިސްމާއީލު މެންކު ރާއްޖޭގައި ވަޑައިގެން ދެ ދަރުސެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އެ މަނިކުފާނު އަންނަ ހޯމަ ދުވަހުގެ ރޭ ދެއްވާ ދަރުސްގައި "އިސްލާމްދީނާ މެދު ކުރެވޭ ކުށްހީތައް" މި މައުޟޫގެ މައްޗަށް ވާހަކަފުޅުދައްކަވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި އަންގާރަ ދުވަހު ރޭ ޔުނިވާސިޓީ އާއި ހައިސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދެއްވާ ދަރުސްގައި "ފުރިހަމަ މުސްލިމަކަށްވާނީ ކިހިނެއް" މި މައުޟޫ އަށް ވަހާކަ ދައްކަވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.

މުފްތީ އިސްމާއީލް މޫސާ މެންކުއަކީ ޒިންބާބުވޭގެ ހަރާރޭއަށް އުފަން ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ދީނީ ޢިލްމުވެރިއެކެވެ. އަދި އޭނާގެ ބައްޕަގެ ފަރާތުން ވަރަށް ގިނަ އިލްމު އުނގެނި ވަޑައިގެން ތުއްޕުޅުއިރު ޤުރްއާން ހިތުދަސްކުރައްވުމުގެ އިތުރަށް އަރަބި ބަހާއި އުރުދޫ ބަސް ދަސްކުރައްވާފައިވެ އެވެ. މީގެ އިތުރުން އޭނާ ވަނީ ހަރާރޭގައި ހުންނަ އެކަޑަމިކް ކޮލެޖުން ޝާނަވީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު، މަދީނާގެ އިސްލާމީ ޔުނިވާސިޓީ އިން ޝަރީއާގެ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާ، އިންޑިޔާގެ ގުޖުރާތުން ފަތުވާ ދިނުމުގެ ހުއްދަ ހޯއްދަވާފަ އެވެ.

މުފްތީ އިސްމާއީލު މޫސާ މެންކުއަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެސް ދަރުސްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.