މިހުރިހާ ދުވަހު ދަރީންނަށް ކިޔަވައިދިނުމުގެ އެންމެ މުހިންމު ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކީ މުދައްރިސުންނެވެ. އެހެންނަމަވެސް އަހަރު ފެށި ރަނގަޅަށް ކިޔަވައިދޭން ފެށުނުތަނާހެން އެންމެން މިިތިބީ ގޭގައި މަޑުކުރަންޖެހިފަ އެވެ. ސްކޫލްތައް ބަންދުވެ، ޓިއުޝަންތައް މެދުކެނޑި ހުރިހާ ކިޔެވުމެއް ވަނީ ގެއަށް ބަދަލުވެފަ އެވެ. ގިނަ ބެލެނިވެރިންގެ ހިތުގައި އުފެދޭ ސުވާލަކީ ގޭގައި ކުދިންނަށް ކިޔަވައިދޭނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ މި ކިޔަވައިދެވެނީ ރަނގަޅަށް ހެއްޔެވެ؟

ހަނދާނުގައި ބަހައްޓަންވީ އެންމެ ފުރަތަމަ ކަމަކީ މި ދަނޑިވަޅުގައި މި ކަމަކީ ހަމައެކަނި ތިމާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމެވެ. ހުރިހާ އެންމެންވެސް މިތިބީ ހަމަ އެއް ހާލެއްގަ އެވެ. ހާސްނުވާށެވެ. ކަންބޮޑުނުވާށެވެ.

ކުޑަކުއްޖަކު ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދިންނަށް ގޭގައި ކިޔަވައިދިނުމުގެ ބޭސިކް އުކުޅުތައް މިހާ ހިސާބަށް އައިއިރު އެންމެނަށް ވެސް އެނގޭނެ ހެން ހީވެ އެވެ. ހުރިހާ ކުދިންނަކީ އެއްގޮތަކަށް ކިޔެވޭނެ ނުވަތަ ކިޔަވާ ހިތްވާނެ ކުދިންނެއް ނޫނެވެ. އެހެންކަމުން އެކުދިން ޝައުގުވެރިވާ ގޮތަށް އުމުރާއި ގުޅޭހެން ބޭނުންކުރާ އުކުޅުތައް ތަފާތުވާން ވާނެ އެވެ. އަދި އެއާ އެކު، ހާއްސަ ޝެޑިއުލެއް ހަދާ އެކި ކަންކަމަށް ވަގުތު ހާއްސަކުރުމަށް ވެސް ސަމާލުކަންދޭން ވާނެ އެވެ.

ދެން މިއޮތީ އަސްލު ސުވާލެވެ. ކުރަންވީ ކީއްހެއްޔެވެ؟

ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށް، ޒުވާން ދެ ކުދިންގެ މަންމައެއް ކަމަށްވާ، މަރިޔަމް ޝައުފާ ހުސެއިން މި ވަނީ އޭނާގެ ތަޖުރިބާ "ސަން"އާ ހިއްސާކޮށްފަ އެވެ.

"އެންމެ ގިނައިން ކުރާ ކަމަކީ ހަމަ ފޮތް ކިއުން. ދިވެހި އަދި އިނގިރޭސި ވާހަކަ ކިޔާ އެފޮތާއި ބެހޭގޮތުން ގޭގައި ކުދިންނާއި އެކު މަޝްވަރާކުރުން. ހަމައެކަނި ފޮތްކިޔާލުމުގެ ބަދަލުގައި އެ ފޮތް ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ކުރެވިދާނެ،" އޭނާ ބުންޏެވެ.

މިގޮތުން އޭނާ ހިއްސާކުރި ބައެއް ކަންކަމުގެ ތެރޭގައި ފޮތުގައި އޮންނަ އެއްޗެއް ބަހުން ބަހަށް ކިޔުމުގެ ބަދަލުގައި ދަރިފުޅު ތަންކޮޅެއް ކުޑަނަމަ އެކުއްޖެއްގެ އަމިއްލަ ހިޔާލުގެ މައްޗަށް އެ ވާހަކަ ކިޔައިދޭން ފުރުސަތު ދެވިދާނެ އެެވެ. އަދި ފޮތްތަކާއި ވީހާ ވެސް ގާތްގުޅުމެއް އުފައްދައިދީ މިކަމުގެ ތެރެއިން ދަރިފުޅަށް އަކުރު އަދި ފިލިކިޔަން ވެސް ދަސްކޮށްދެވިދާނެ ކަމުގައި އޭނާ ބުންޏެވެ.

ޝައުފާ ހުސެއިން ދަރިވަރުންތަކަކާއި އެކު

ސެކަންޑްރީ ގްރޭޑްއަކަށް ބައޮލޮޖީ ކިޔަވައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އިރު އެނާގެ ދަރިފުޅާއި އެކީގައި ކިޔެވުމަށް ހޭދަކުރާ ވަގުތުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ވަގުތަކީ ނެޝެނަލް ޖިއޯގްރަފީ ޗެނަލް ތަކުން ސައިންސާއި އެކި ޖަނަވާރުންނާއި އަދި އިންސާނުންގެ ހަށިގަނޑާއި ބެހޭގޮތުން ދައްކާ ޝޯތަކުގެ ތެރެއިން އުނގެނުނެވެ.

"ކޮންމެ ކުއްޖެއްގެ ވެސް ޝައުގުވެރިކަމަކާއި ގުޅޭގޮތުން ކިޔަވައިދިނުން މުހިންމު ކަންނޭނގެ. މި ގޭގައި ވަރަށް ގިނައިން ޖަނަވާރުންނާއި ބެހޭގޮތުން ދަސްކުރުމަށް ނެޝެނަލް ޖިއޮގްރަފިކް ޗެނަލްތައް ބެލޭ. އެ ވަގުތު ތަކުގައި ސައިންސްގެ ބައެއް މައުލޫމާތުތައް ކިޔައިދެން. ހާއްސަކޮށް ދަރިފުޅު އިންސާނުންގެ ހަށިގަނޑާއި ބައޮލޮޖީގެ ކަންކަމަށް ލޯބިކުރާތީ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ހަމައެޔާއެކު ދަރިފުޅަށް އަލަށް ކަމެއް ދަސްވާ ކޮންމެ ވަގުތަކު ވެސް ހިތްވަރުދީ ތަރުހީބު ދިނުމަކީ މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެ އެވެ. އޭގެ ސަބަބުން، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ އިތުރަށް ކިޔެވުމަށް ޝައުގުވެރިވެ އެވެ.

ކުރިން ނަމަ، ސްކޫލްގައި ދޭ ފިލާވަޅުތައް މުތާލިއާކުރުމާއި ދަސްކުރުމުގެ ބައި ކުރިއަށް ގެންދެވުނަސް، މިދުވަސްވަރު ބޮޑަށް ކިޔެވުމުގެ ކަންކަން ކުރިއަށްގެންދަނީ އެކިއެކި ވޯކްބުކްސްއާއި ވޯކްޝީޓްތަކުންކަން އޭނާ ފާހަގަކުރި އެވެ.

މީގެއިތުރުން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ކިޔެވުމަށް ހިތްޖައްސުވާ މިކަމަށް ސަމާލުކަން އިތުރުކުރުމަށްޓަކައިވެސް ބެލެނިވެރިންނަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

"އެންމެ މުހިންމު އެއްކަމަކީ ކުދިންނަށް ކިޔެވޭނެ އެކަށޭނަ މާހައުލެއް ހޯދައިދިނުން ކަންނޭނގެ. ގޭގައި ތިއްބަސް އެނދުމަތީގައި ކިޔަވަން ތިބުމަކީ ރަނގަޅުކަމެއް ނޫން. ބޭނުންވާނީ އަޑު މަޑު، ކުއްޖާ ޑިސްޓްރެކްޓް ނުވާނެ މާހައުލެއް " ޝައުފާ ބުންޏެވެ.

ކުޑައިރުއްސުރެ ވެސް ވަގުތު ބަހާލައިގެން ކަންކަން ކުރަން ކުދިންނަށް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ، މިދުވަސްވަރު ގޭގައި ތިބެގެން އެނގޭމިންވަރަށް ފިލާވަޅުތައް ހެދުމަށް ބެލެނިވެރިން ހިތްވަރު ދޭންޖެހޭ ކަމަށެވެ. އެއާއެކު ނޭނގޭ ފިލާވަޅުތަކުގައި ބެލެނިވެރިންނަށް ހިތްވަރުދީ ޔޫޓިއުބް، ގޫގުލް އަދި އެކިއެކި މާކިން ސްކީމްސްތައް ބަލާލައިގެންވެސް ކުރިއަށްގެންދެވިދާނެ ކަމަށެވެ.

ރަހުމާ އީސާ، ދަރިވަރުންތަކަކާއި އެކު---- ފޮޓޯ:ފޭސްބުކް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކިޔަވައިދެވިދާނެ!

އެކި އުމުރުތަކާއި ގުޅޭހެން ކިޔަވައިދޭ އުކުޅުތައް ތަފާތުކުރަންޖެހޭއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގޭގައި ތިބެގެން ކިޔަވައިދިނުމުގައި ވެސް ކުރެވިދާނެ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ.

އިމާދުއްދީން ސްކޫލްގައި ސެން ޓީޗަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރަމުންދާ އަދި މި ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަހުމާ އީސާ ވަނީ މިކަމާއި ބެހޭގޮތުން ދެތިން ޚިޔާލެއް ހިއްސާކޮށްފައެވެ.

" ކޮންމެ ކުއްޖަކަށް ވެސް އޮންނާނެ އެކުއްޖެއްގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން (އައިއީޕީ) ތައްޔާރުކުރެވިފައި. އެހެންވީމަ އެއަށް ބަލައިގެން ތަފާތު ހަރަކާތްތަކެއް ގޭގައި އެކުދިން ބައިވެރިކޮށްގެން ކުރެވިދާނެ."

މިގޮތުން ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރީ ދީނީ ކަންކަމެވެ. އެކުއްޖަކަށްދެވިފައިވާ ދުއާތައް ކިޔައި ދަސްކުރުން. އަދި ހަވާލުކުރެވިފައިވާ ސޫރަތްތައް ކިޔުއްވާ ފަރިތަކުރުމަކީ މި ދަނޑިވަޅުގައި އެކުދިންނާއި އެކީގައި ކުރެވިދާނެ ކަމަކެވެ.

އެއަށްފަހު އެންމެ މުހިއްމުކަމެއްގެ ގޮތުގައި ރަހުމާ ފާހަގަކުރެއްވީ ތަފާތު ހުނަރުތައް ދަސްކުރުމެވެ. އެ ކުއްޖަކާއި އެކަށޭނަހެން ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރިކޮށް ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކޮށް އެނދު ތަންމަތިއެޅުމާއި، ކެއްކުމާއި، ސާފުކުރުމުގައި ކުދިން ބައިވެރިކުރުމަށް އޭނާ ތަރުހީބު ދެއެވެ.

އަދި އެކެޑެމިކްސް ހުންނަ ދަރިވަރުން ވާހަކަ ފޮތް ކިޔުމާއި، ހިސާބު އަދި އިނގިރޭސި މާއްދާތަކުން ކުދިކުދި މަސައްކަތްތައް ހަވާލުކޮށް އެކުދިން ލައްވާ މަސައްކަތް ނިންމުމަށް އެހީވެވިދާނެކަމަށް ވެސް އޭނާ ބުންޏެވެ.

އެއާއެކު، ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ކޮންމެ ވެސް ވަރަކަށް ގޭތެރޭގައި ކުރިއަށްގެންދެވިދާނެ ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އުނޯ، ތިންހަމަ، ޗެސް ފަދަ ކުޅިވަރުތަކާއި ބައެއް ފިޒިކަލް ހަރަކާތްތައް ކަމުގައިވާ ސްކިޕިންގް، ބައުންސިން ބޯލް، ނުވަތަ ޖިމް ބޯލް ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މި ނޫން ބައެއް ގްރޭޑްތަކުގެ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން ގެންދާ ޓެލިކިލާސްތައް ނަގައިދެމުން އަންނައިރު އެ ގަޑިތަކުގައި ބަރާބަރަށް ކުދިން ބައިވެރިވެ، ނަގައިދޭ ފިލާވަޅުތައް ނޯޓްކޮށް ގޭގައި އަމިއްލައަށް މުތާލިއާކުރާކަން ޔަގީންކުރުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ވަރަށް މުހިންމު ކަމަކެވެ.

ގޭގައި ހޭދަކުރާ ވަގުތުތަކުގައި ކުދިންކުރާ ކަންކަން ގާތުން ބަލައި އެކުދިންގެ ބައިވެރިވުން ކަންކަމުގައި ހޯދުމަކީ މުހިންމު ކަމެއްކަން މުދައްރިސުން ފާހަގަކުރެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ގަދަބާރުން ކަންކަން ކުރުމުގެ ބަދަލުގައި ކުދިން ބޭނުންވާ ދެތިންކަމެއްވެސް ޝެޑިއުލްގައި ހިމަނާލައިގެން ކިޔެވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މުދައްރިސުން ނަސޭހަތްތެރިވެއެވެ.

ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗަކަށް ނުވާއިރު، ސްކޫލްތައް ބަންދުކޮށްފައިވީނަމަ ވެސް މި ވަގުތުތަކުގައި ވެސް އުނގެނުމުގެ މުހިންމުކަން ހަނދާންކޮށް ވީހާ ވެސް ފޮތްތަކާއި ގާތްކޮށް ކުދިން ގެންގުޅުމަކީ މުހިންމުކަމެކެވެ.