10 Apr 2020, 14:25
ކޮވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ހާލުކޮޅު ރަނގަޅުވެ، އައިސީޔޫއިން ވޯޑަކަށް ބަދަލުކޮށްފި އެވެ.
ބޯރިސް ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 27ވަނަ ދުވަހުގަ އެވެ.
މީގެ ކުރިން ބޮޑުވަޒީރު ހުންނެވީ އަމިއްލައަށް އެކަހެރިވެގެން ގޭގަަ އެވެ.
އޭގެ ފަހުން ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގައި ޓެސްޓްތަކެއް ހެދުމަށް ބޯރިސް އެޑްމިޓްކުރީ މިދިޔަ އާދިއްތަ ދުވަހުގަ އެވެ. އަދި ހާލުކޮޅު ސީރިއަސްވުމުން ހޯމަ ދުވަހު އައިސީޔޫއަށް ވަނީ ބަދަލުކޮށްފަ އެވެ.
ނަމަވެސް ބޮޑުވަޒީރުގެ ހާލުކޮޅު ރަނގަޅުވުމާއެކު އިއްޔެ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި ވޯޑަށް ބަދަލުކުރި ނަމަވެސް ވަރަށް ގާތުން މޮނީޓަރު ކުރަމުންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެ އެވެ.
އައިސީޔޫގައި ބޮޑުވަޒީރަށް ދީފައިވަނީ 'ސްޓެންޑާޑް އޮކްސިޖަން ޓްރީޓްމަންޓް' ކަމަށާއި ވެންޓިލޭޓާރުގެ އެހީ ބޭނުންކޮށްފައި ނުވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.
ބޯރިސް އައިސީޔޫއިން ނެރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެކަމާ އުފާ ފާޅުކުރައްވައި ޓުވީޓެއް ކުރައްވާފަ އެވެ.
އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްތަކެއް ފެނިފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ.
އޭގެ ފަހުން އެގައުމުން މިހާތަނަށް 65،077 މީހަކަށް އެ ބަލި ޖެހިފައިވާއިރު، އެ ބަލީގައި 7978 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 135 މީހުންނެވެ.