އަރަބި މީޑިއަމްއަށް ކިޔަވައިދޭ މާލޭގެ ސްކޫލް އަރަބިއްޔާއިން އެ ސްކޫލްގެ ފިލާވަޅުތައް އަލްކައުނު ޓީވީން ގެނެސްދޭން ނިންމައިފިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު ވަނީ މަހެއްވެފައެވެ. އަދި ދަރިވަރުންނަށް މީގެ ކުރިން ކިޔަވައިދެމުން ގެންދިޔައީ ޓީވީއާއި އިންޓަނެޓްގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ކޮވިޑްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އަލްކައުނު ޓީވީ މެދުވެރިކޮށް އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދޭން ނިންމިކަން އިއުލާންކޮށްފައެވެ. ނަމަވެސް އެ ކްލާސްތަށް ފަށާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ،

" ހަމަ އޭގެ އިތުރަށް ގޫގަލް ކްލާސްރޫމް މެދުވެރިކޮށް މުދައްރިސުން ދަރިވަރުންނަސް އެހީތެރިކަން ފޯރުކޮށްދެމުން މިހާރުވެސް ދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ އަހަރުވެސް އަރަބިއްޔާ ސްކޫލްގައި ޓީޗަރުން ހަމަނުވެގެން ދަރިވަރުންގެ ކިޔެވުން ފުދޭވަރެއްގެ ދުވަސްތަކަކަށް މެދުކެނޑިގެން ދިޔައެވެ. ނަމަވެސް ފަހުން މިނިސްޓްރީން މިސްރަށް ގޮސް އަޒްހަރު ޔުނިވާސިޓީއާ ވާހަކަ ދައްކައިގެން ވަނީ ބޭނުންވާ ޓީޗަރުން ގެނެސްފައެވެ.

އިނގިރޭސި މީޑިއަމްއަށް ކިޔަވާ ހުރިހާ ސްކޫލެއްގައި އަންނަ ހަފްތާއިން ފެށިގެން ޓީވީ މެދުވެރިކޮށް ކިޔަވައިދޭން މިހާރު މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.