މޯލްޑިވިއަންގެ ކާގޯ ފްލައިޓުން 11 ޓަނުގެ މުދާ ރޭގެ ވަގުތެއްގައި ރާއްޖެއަށް ގެނެސްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޕީއާރު އަދި މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް "ސަން"އަށް ވިދާޅުވީ ރޭ ބެންކޮކުން ގެނައި 11.3 ޓަނުގެ ކާގޯގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލް ގުޑްސް) ކަމަށެވެ.

މޯލްޑިވިއަންއިން ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ކާގޯ ގެންނަން ދަތުރުކުރަން ފެށީ ކޮވިޑް-19އާ ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުންނެވެ.

މިދިޔަ ހަފުތާގައި ވެސް ބެންކޮކުން މުދާ ގެނެސްފައިވާއިރު، މޯލްޑިވިއަންއިން ދަނީ ބެންކޮކްގެ އިތުރުން ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ކާގޯ ދަތުރުތަކެއް ކުރަމުންނެވެ.

"ކޮންމެ ހަފުތާއަކު ވެސް ކަނޑައަޅާފައިވާ ދުވަސްތަކެއްގައި ވަކި ތަންތަނަށް ކާގޯ ދަތުރުތައް ބާއްވަނީ. އެއްވެސް މައްސަލައެއް ދިމާނުވެ، ބަރާބަރަށް ޝެޑިއުލްއާ އެއްގޮތަށް މި ދަތުރުތައް ކުރިއަށް އެބަދޭ." މޫސަ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ކާގޯ ދަތުރުތައް ފެށީ ު، އާންމުކޮށް މުދާ ގެންނަ ގައުމުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ވެސް ކުރުމަށްފަހުގަ އެވެ.

ކާގޯ ފްލައިޓްތަކުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އާންމު ވައިގެ ދަތުރުފަތުރުތަކަށް ހީނަރުކަމެއް އައުމާއެކު ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށްޓަކައި ވެސް މޯލްޑިވިއަން ދަނީ ހާއްސަ ދަތުރުތަކެއް ކުރަމުންނެވެ.