10 Apr 2020, 12:21
ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަންތަކެއް ހިނގަމުންދާ ކަމުގެ ތުހުމަތެއް ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ކުރައްވައިފި އެވެ.
ޒަރިޔަންދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ ކުރިން ވައްކަންކޮށްފައިވަނީ ރައްޔިތުންގެ މުދަލުން ކަމަށެވެ.
އެހެން ނަމަވެސް މިހާރު އެކަން ބަދަލުވެ ރައްޔިތުންގެ މުދަލުން ވައްކަންކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިހާރުވެސް ކުރިންވެސް ވައްކަން ކުރަނީ އެއްބަޔަކު ކަމަށް ޒަރިޔަންދު ފާހަގަކުރެއްވި އެވެ.
ޒަރިޔަންދު އިތުރަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ގަވައިދެއްގައި ބަޔާން ކޮށްފައި ނެތް ޓެންޑާ ކޮމިޓީއަކުން ފާސްކޮށްގެން ގަންނަ ޕްރޮކިއުމަންޓް ތަކެއްޗާއި ކުރުވާ މަސައްކަތްތައް ވާނީ ގާނޫނާ ހިލާފު އަމަލަަކަށް ކަމަށެވެ.
މީގެ އިތުރުން، ވެސް އޭނާ ވިދާޅުވެފައި ވަނީ ކޮންޓިންޖެންސީއަކީ، އަހަރީ ބަޖެޓްގައިވާ "ކަންކަމުގެ" ތެރެއިން އިތުރަށް ހަރަދުކުރަންޖެހިދާނޭ ކަމަށް ބަހައްޓާ ފައިސާ ކަމަށެވެ. އަދި ބަޖެޓްގައި ނެތް އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް ކެޕިޓަލް ހަރަދުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފަ އެވެ.
އޭނާގެ އެ ވާހަކަތައް ރައްދުވަނީ ކޮންކަމަކާ ގުޅިގެން ކަމެއް ޒަރިޔަންދު ވިދާޅުވެފައެއް ނުވެ އެވެ.
ޒަރިޔަންދަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑާ ބޯޑަށް އައްޔަނުކޮށްފައިވަނީ މިދިޔަ މަހު އެވެ. އޭނާ އެ ބޯޑަށް ހަމަޖައްސާފައިވަނިީ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، އެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ އެކި ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ހެލްތް މިނިސްޓްރީއިން ގެންދަނީ ކުރަމުންނެވެ.
އެގޮތުން، މިފަހުން ރާއްޖެއަށް 70 ވެންޓިލޭޓަރު ގެނައުމަށް ބަޔަކާ ހަވާލުކުރި ނަމަވެސް އެތަކެތި ގެނައުން ލަސްވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އެތަކެތި ގެނައުން ލަސްވަނީ، ދުނިޔޭގެ ދަތުރުފަތުރަށް ބުރޫ އަރާފައި ވާތީ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އަމީންއާ ގިނަ ސުވާލުތަކެއް ކުރުމަށް މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ކޮވިޑް-19 ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން "ހުޅުމާލެ މެޑިކަލް ފެސިލިޓީ" ގެ ނަމުގައި 300 އެނދުގެ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް 40 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.