10 Apr 2020, 10:28
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.
އިއްޔެ އެ ހޮސްޕިޓަލްގައި އޮޕަރޭޝަން ކޮށްފައިވަނީ 82 އަހަރުގެ މީހެއްގެ އެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ އުކުޅުވަޅުގެ ހުޅު ބިނދިފައި ހުރުމުގެ ސަބަބުންނެވެ.
ދޮޅު ގަޑިއިރަށް ކުރިއަށް ދިޔަ އެ އޮޕަރޭޝަންގައި އިސްކޮށް އުޅުއްވީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު މުންޝިދު އެވެ.
މުންޝިދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލިމީހާގެ ބިންދައިގެން ގޮސްފައި ހުރި ކަށިގަނޑު ސީދާކުރީ ފަޅާނުލައި ސި-އާމް (އެކްސްރޭ) އިން ބަލައިގެން ކަަމަށެވެ.
ބަލިމީހާގެ ކަށިގަނޑު ސީދާ ކުރުމަށްފަހު އިސްކުރެއް ޖަހައި އެ އިސްކުރުން (ޕީއެފްއެން) ހިފަހައްޓައިފަިއވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަނަށްފަހު ބަލިމީހާގެ ހާލަތު ރަނގަޅު. އިރާދަކުރެއްވިއްޔާ ކަށި ބެދުމަށްފަހު ބަލި މީހާއަށް ކުރިންވެސް އުޅުނު ގޮތަށް ހިނގާ އުޅެވޭނެ،" މުންޝިދު ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި ކަށީގެ ދެ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރަކު ބައިވެރިވިއެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ހަދަން ފެށި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިދުމަތްތައް ދޭން ފެށީ މިއަހަރުއެވެ. އަދި އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަތްކެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަށް ބަދަލުވެސް ކޮށްފަ އެވެ.