10 Apr 2020, 10:55
މިއަހަރު އޮކްޓޯބަރު ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ކެމްބްރިޖް އޯ ލެވެލް އިމްތިހާން ފަސްކޮށްފިނަމަ އެސްއެސްސީ އިމްތިހާންވެސް ފަސްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިއަހަރު އޮކްޓޫބަރު ނޮވެމްބަރު މަހު އޮންނަ އޭލެވަލް އިމްތިހާން ފަސްކުރަން ކެމްބްރިޖާއެކު މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށެވެ.
އެހެން ނަަމަވެސް ރަސްމީ ސިފައެއްގައި ކެމްބްރިޖްއިން މިހާތަނަށް އެއްވެސް ޖަވާބެއް ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
" އެހެން ނަމަވެސް އިންޓަނޭޝަނަލް އޯ ލެވަލް އިމްތިހާނަށް ބަދަލު ގެންނަން އެ ބޭފުޅުން ނިންމައިފިނަމަ އަޅުގަނޑުމެންގެ އިންޓާނަލް އެގްޒާމް ކަމަށްވާ އެސްއެސްސީީއަސް ބަދަލު ގެންނާނެ" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން އަދި މިހާތަނަށް އެސްއެސްސީ އިމްތިހާން ބާއްވާ ތާރީހަށްވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާ އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ބޭއްވުމަށް މިހާރުވަނީ ތާވަލްވެސްކޮށްފަ އެވެ. އަދި ކޮންމާ އަހަރެއްގެ މެއި/ޖޫން މަހު ބާއްވާ ކޭމްބުރިޖްގެ އިމްތިހާނުތައް މިއަހަރު ނުބާއްވަން ނިންމައި އެ އިމްތިހާނުތައް ވަނީ ކެންސަލްވެސްކޮށްފަ އެވެ.