މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެތަކެއް ހެލްތު ޕްރޮފެޝަނަލްއިންނަށް ނާދެވިފައި އެބަތިބި ކަަމަށާއި އެމީހުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑްއާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބޭރުގެ އެކި ގައުމުތަކުގައި ތިބި ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

" އެއީ ރާއްޖެއިން ބޭރުގެ އެކިތަންތަނުގައި ތައުލީމް ހާސިލްކުރަމުންދާ ފަރާތްތަކާއި އަދި މަތީ ތައުލީމަށް ގޮސްތިބި ފަރާތްތަކުގެ ތެރެއިން. ބައެއް ބޭފުޅުން ކަރަންޓީނުގެ މުއްދަތު ހަމަކުރައްވާފަވެސް އެބަތިއްބެވި. މި ހުރިހާ ބޭފުޅުންވެސް އިރާދަ ކުރެއްވިއްޔާ ހިދުމަތަށް ނުކުންނާނެ. އެއީ އެކަމަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވެ އެބޭފުޅުންގެ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނާނަން" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ހާސިލްކުރަމުންދާ ފަރާތްތަކުންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ،

" އެހެން ނަމަވެސް ވަރަށް ގިނަ ގައުމުތަކުގަ އެގައުމުގެ އެތެރޭގައި އަޅާފައި ހުރި ފިޔަވަޅުތަކާއި އެއް ގައުމުން އަނެއް ގައުމަށް ފަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތައް މިގަވަގުތަށް އަޅުގަނޑުމެންނަށް ހުރި ހުރަހަކީ، އެެހެން ނަމަވެސް ސަރުކާރުން އެބަ މަސައްކަތް ކުރައްވާ" މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ރާއްޖެއަށް ފެތުރިއްޖެނަމަ އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވާނީ ސިއްހީ ހިދުމަތްތެރިކަންވެސް އަމީން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ފަރާތްތައް ގެނައުމަށްޓަކައި މަަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ރާއްޖޭގެ ގިނަ ދަރިވަރުން ހާއްސަކޮށް ޑޮކްޓަރުން ކިޔެވުމަށް ނޭޕާލާއި ޗައިނާފަދަ ގައުމުތަކުގައި ދިރިއުޅެއެވެ.