17 Dec 2011, 13:06
އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން މަދުވެ ހިދުމަތަށް ބުރުއަރަމުންދާތީ ފުލުހުންނާއި ސިފައިން އަދި ކަސްޓަމްސްގެ މުވައްޒަފުން އިމިގުރޭޝަންގެ މަސައްކަތް ނެރެން ނިންމައިފި އެވެ. ތިން މުއައްސަސާއިން މުވައްޒަފުން ނެރެނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ހަފުތާއަކު ދެ ފަހަރު ނެރޭ ސަރުކާރުގެ ގެޒެޓްގައި މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުންގެ މަޖިލީހާއި ހަވާލާދީ ބުނެފައިވަނީ އިމިގްރޭޝަންގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ނެރޭނީ ކަސްޓަމްސްގެ މުވައްޒަފުންނާއި ފުލުހުން އަދި ސިފައިން ކަމަށެވެ. ނަމަވެސް ފުލުހުން ނާއި ސިފައިން އިމިގުރޭޝަންގެ މަސައްކަތަށް ނެރޭނީ ކަސްޓަމްސްގެ މުވައްޒަފުން ނުލިބިއްޖެނަމަ ކަމަށެވެ.
ގެޒެޓްގައިވާ ގޮތުން އިމިގްރޭޝަންގެ މަސައްކަތަށް ކަސްޓަމްސްގެ 30 މުވައްޒަފަކު ނަގާނެ އެވެ.
ކޮންޓްރޯލާ، އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އިމިގްރޭޝަންއަށް ދާއިމީ މުވައްޒަފުން ނުހޯދިގެން އުޅެނީ ބަޖެޓުގެ ތާށިވެގެން ކަމަށާއި އިމިގްރޭޝަނަށް މުވައްޒަފުން އިތުރު ނުކުރާތާ ފަސް ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވޯކް ލޯޑް މިވަނީ ބައެއް ދާއިރާތަކުން 30 ޕަސެންޓް އަދި 40 ޕަސެންޓަށް އިތުރުވެފައި. އަދި އަނެއްބައި ތަންތަނުން 100 ޕަސެންޓަށް ވެސް ގޮސްފައި އެބަހުރި. ބަޖެޓްގެ ތާށިކަން ހުރީމަ ފިނޭންސްނމިނިސްޓަރު ހުއްދައެއް ނުދެއްވާ އިތުރަށް މުވައްޒަފުން ނަގާކަށް. މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ މުވައްޒަފުން އިތުރު ނުކުރާތާ. ސީޒަން ދުވަސްކޮޅަށް ވާތީ [މިވަގުތަށް] މިވަނީ ވަރަށް ގިނަ މުވައްޒަފުން ބޭނުންވެފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ވަގުތީގޮތުން އިމިގުރޭޝަނަށް އެކި މުއައްސަސާތަކުން ގެންދާ މުވައްޒަފުން އެތަނުގައި މަސައްކަތް ކުރާނެ ވަކި މުއްދަތެއް އަދި ކަޑައަޅާފައި ނުވާކަމަށާއި އެ މީހުން މަސައްކަތް ކުރާނީ "ފަރުދާގެ ފުރަގަހުގައި" ކަމަށެވެ.
"އަދި އެބޭފުޅުން މަސައްކަތް ކުރައްވާނެ ވަކި ދުވަހެއް ނިންމާފައެއް ނެތް. މި ދަތިކަން (މުވައްޒަފުންގެ) ނިމެންދެން އެބޭފުޅުން ބޭނުންވާނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
އިމިގުރޭޝަނަށް އިތުރު މުވައްޒަފުން ނެގުމަށް މިދިޔަ މަހު ތެރޭ އިމިގްރޭޝަނުން ވަނީ އިއުލާނެއް ވެސް ކޮށްފަ އެވެ.