ރާއްޖޭގެ ސްކޫލްތަކުގައި ކޮންމެ ކްލާހެއްގައިވެސް ދަރިވަރުންނަށް ސައިބޯނި ލިބޭނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް -19 އާ ގުޅިގެން މަސް ދުވަހަށް ސްކޫލްތައް އޮތީ ބަންދުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލް ހުޅުވޭނެ ދުވަހަކަށް ތައްޔާރުވުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިހާލަތުން ރަނގަޅުވެ އަޅުގަނޑުމެންނަށް ސްކޫލްތަކުގައި އުޅެވޭ ހަލަތެއްގައިވެސް މިހާރު ވޮސް ފެސިލިޓީސްތައް ހުރިހާ ސްކޫލްތަކެއްގައި ގާއިމްކުރެއްވިއްޖެ. އޭގެ އިތުރުން ކޮންމެ ކްލާހެއްގައި ކްލާސްރޫމް ސޯޕް ލިބޭގޮތަށް ސޯޕްވެސް ލިބިފައި އެބަހުރި ޔުނިސެފްގެ އެހީއާއެކު ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރޮނާއާ ގުޅިގެން ދަރިވަރުންނާއި ޓީޗަރުންގެ މެންޓަލް ހެލްތައްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ސްކޫލްތަކުގައި މިހާރު ތިބި ކައުންސިލަރުންގެ ކެޕޭސިޓީތަކެއް ބިލްޑްކުރުމަށްވެސް މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިހާލަތުގައި އެމީހުން ކުރިން މަސައްކަތް ކުރި ގޮތާ ތަފާތުވެގެންދާނެ ހުޅުވުނީމަ އަންނަ ބަދަލުތައް. އެހެންވީމާ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެމީހުންނަށް ޓްރެއިނިންތަކެއް ދިނުމުގެ މަސައްކަތްތަކެއްވެސް މިހާރު އެބަކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.