10 Apr 2020, 00:39
ކުދިންގެ ކިޔެވުމުން ހާސިލްވާ މިންވަރު ބަލަން މޮނީޓަރިން ނިޒާމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިދުވަސްވަރު ކޮވިޑް-19 ފެތުރެމުންދާތީ އޮތީ ސްކޫލުތައް ބަންދުކޮށްފައެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުންދަނީ އޮންލައިންކޮށާއި ޓެލިކްސާލްތައް ނަގައިދީގެންނެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުދިންގެ ކިޔެވުމުން ހާސިލްވާ މިންވަރު ބަލަން މޮނީޓަރިން ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މިހާރު މަސައްކަތް ކުރަމުންދަނީ ކުދިން ކިޔަވަމުންދާއިރު އެކުދިންގެ ލާނިން މޮނީޓާ ކުރެވޭނެ ނިޒާމްތަކެއް ގާއިމްކުރަން. އެއީ ބެލެނިވެރިން މިތިބެނީ ދަރިވަރުން ގޭގައި ތިބެގެން ކިޔަވާއިރު. އެކަމަކު އެ ލާނިން އޮކާވޭތޯ [ދަސްވޭތޯ] ބެލުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އެބަކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް ޓެލެކްލާސްތަކުގެ އެޓެންޑެސް ކިއުއާރުކޯޑެއް މެދުވެރިކޮށް ނަގަމުންދާ ކަމަށެވެ. އަދި ފިލަވާޅުތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދުތަކުގެ ޑޭޓާތައް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފިލާވަޅުތަކުގައި ގިނަ ދަރިވަރުން ބައިވެރިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މީގެ އިތުރުން ޗެނަލްތަކުންވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ. ވިއުވާސް އަޅުގަނޑުމެންނަސް ބަލާލެވޭ ކިހާ ކުދިންނެއްތޯ ލެސަންތަކަށް އެންގޭޖްވަނީ. ދެން ހަމަ އަޅުގަނޑުމެން ގޫގަލް ފޯމެއް މެދުވެރިކޮށް އަޅުގަނޑުމެން ފީޑްބެކް ނަގަން ޓީޗަރުންނާ ބެލެނިވެރިންނާ ކުދިންގެ. އެވެސް ހަމަ އެވްރިޑޭ މިދަނީ އަޅުގަނޑުމެން ބަލަމުން،" މިނިސްޓަރު ވިދާޅުވިއެވެ.