ދަރިވަރުންނަށާއި ޓީޗަރުންނަށް އިތުރަށް ޑޭޓާ ދެވޭނެ ގޮތް ހޯދަން ދަނީ މަސައްކަތްކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށާއި ޓީޗަރުންނަށް އިތުރަށް ޑޭޓާ ހޯދުމަށް އިންޓަނެޓްގެ ހިދުމަތްތައް ދޭ ފަރާތްތަކާ ދެމެދު މިިހާދު ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ދިރާގާއި އުރީދޫއާ ގުޅިގެން ތައާރަފްކުރި ޕެކޭޖްގެ ދަށުން ކޮންމެ ޓީޗަރަކަށް ވެސް ކޮންމެ ދަރިވަރަކަށްވެސް މިހާރު ދެވެނީ ފަސް ޖީބީގެ ޑޭޓާއެވެ. މިއީ އެއް މަހަށް ލިބޭ ޑޭޓާއެވެ.

"އޭގެ އިތުރުން ދީފަ ހުރި ޑޭޓާ ބޭނުންކުރަނީ ކިޔެވުމުގެ ކަންތައްތަކަށްތޯ ޔަގީންކުރުމަށް އަޅުގަނޑުމެން ހުންނާނެ ބައެއް ޔޫއާރުއެލްތައް ޓެސްޓްކޮށްފަ. މިހާރު އަޅުގަނޑުމެން ގޫގަލް ކްލާސްރޫމް އެއްޗެހިވެސް ޓެސްޓްކޮށްދީފިން. އެެހެންވީމަ އެ ޑޭޓާ އެ ނޫން ގޮތަކަށް ބޭނުމެއް ނުކުރެވޭނެ. އެހެންވީމާ ދިރާގުންވެސް އެކަންކަން ބަލަމުން އެބަގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދިނުމުގެ ގޮތުން މިހާތަނަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ވޯލްޑް ބޭންކާއި ޔުނިސެފްފަދަ ޖަމިއްޔާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިއީ ތިން ވަނަ ހަފްތާއެވެ. އަދި އަންނަ ހަފްތާގައި ވެސް ސްކޫލްތައް އޮންނާނީ ބަންދުކޮށްފައެވެ.