17 Dec 2011, 12:04
ޑީއާރްޕީގެ ރަށު ގޮފިތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ މަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
ޑީއާރްޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ތަރުޖަމާން ކުރީގެ ވީޓީވީގެ ރިޕޯޓަރު ގައްދޫ ޒީނާ ޒާހިރު ވިދާޅުވީ ޑީއާރްޕީގެ ރަށު ގޮފިތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވަން ޕާޓީގެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ ކަމަށެވެ.
"ޑީއާރްޕީގެ ރަށު ގޮފިތަކުގެ އިންތިހާބު ކުރުމާ ބެހޭ ގަވާއިދެއް މިދިޔަ ބުރާސްފަތި ދުވަހު ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި. އެގަވާއިދުގެ ދަށުން އަންނަ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް މި އިންތިހާބު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވަން ޖެހޭ. ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ޑީއާރްޕީގެ ރަށު ގޮފިތަކުގެ ހިންގާ ކޮމެޓީގެ އިންތިހާބު ކުރުމާއި ބެހޭ ގަވާއިދެއް ވެސް ކައުންސިލްގެ ފަރާތުން ވަނީ ފާސްކޮށްފަ،" ޒީނާ ވިދާޅުވި އެވެ.
ރަށު ގޮފިތަކުގެ އިންތިޚާބު ހުރިހާ ރަށެއްގައި ބާއްވަން ނިންމާފައި ވާއިރު އިންތިޚާބު ވިލަރެސް ކުރުމަށްޓަކައި މަރުކަޒީ ވިލަރެސް ކޮމެޓީއަކާއި ޝަކުވާތައް ބެލުމަށް ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޒީނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ރަށު ގޮފިތަކުގެ އިންތިހާބުގެ މަޤާމްތަކަށް ކުރިމަތި ލެވޭނީ، މިމަހުގެ 31 ގެ ނިޔަލަށް ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމެނޭ މެމްބަރުންނަަށް ކަމަށާއި ނަމަވެސް އެރަށެއްގެ އިންތިހާބު އޮންނަ ދުވަހާ ހަމައަށް ޑީއާރުޕީއަށް ސޮއިކޮށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ހިމެނިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް ވެސް އިންތިހާބުގައި ވޯޓު ދެވޭނެ ކަމަށް ޑީއާރުޕީން ބުންޏެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: