ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މުޅި ރާއްޖެއަށް އިއުލާންކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމާ މެދު އަންނަ އާދިއްތަ ދުވަހުގެ ކުރިން ގޮތެއް ނިންމަވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާން ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ނިމެނީ އަންނަ އާދިއްތަ ދުވަހަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާ ގުޅޭ ގޮތުން އަދިވެސް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަަމަށެވެ. އަދި ސަރުކާރުން ފިޔަވަޅު އަޅާނީ އެއިރެއްގައި ރާއްޖޭގައި އޮންނަ ހާލަތެއްގެ މައްޗަށް ކަމަށާއި އަދިވެސް ރާއްޖޭގައި ކޮރޯނާ ވައިރަސް ނެތް ކަމަށް ބުނުމަށް އުދަނގޫ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާނީތޯ ނުވަތަ ނުކުރާނީތޯ 12 ވަނަ ދުވަހުގެ ކުރިން [އާދިއްތަ ދުވަހުގެ ކުރިން] އަޅުގަނޑުމެންނަށް ނިންމުމެއް ނިންމާނަން ކިހިނެތްތޯ ދެން ކުރިއަށްދާނީ،" އަމީން ވިދާޅުވިއެވެ.

މިރޭ އެންއޯއައިސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީން ވިދާޅުވީ، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމައު ތެރޭގައި ވައިރަސް ނުފެތުރޭކަން ޔަގީން ކުރުމަށް ދިރާސާއެއް ހަދަމުންދާ ކަމަށާއި އެ ދިރާސާގެ ބޭނުމަށް ގިނަ ޓެސްޓުތައްވެސް ހަދަމުންދާ ކަމަށެވެ. އަދި ކޮމިއުނިޓީ ސްޕްރެޑެއް އަންނަ ނަމަ އަންނާނީ ކޮންއިރަކުތޯއާއި މިހާރު ތިބި ހާލަތު ދެން ރާއްޖޭގެ ހާލަތު ބަދަލުވެގެންދާނީވެސް ކިިހިނެތްތޯ ބަލަމުންދާ ކަަމަށް އަމީން ވިދާޅުވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން، ނެތްކަން ދެނަގަތުމަށް ސާމްޕަލް ނެގުމަށް މިއަދު މަސައްކަތް ފަށައިފި. އޭގެން އެނގޭނެ މިހާރު ރާއްޖޭގެ ހާލަތު އޮތީ ކިހިނެތްކަން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލިތާ 14 ދުވަސް ވަރަށް އަވަހަށް ހަމަވެގެންދާނެ ކަމަށާއި އެހެން ކަމުން އެހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ކޮރޯނާއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ. އެގޮތަށް އަމަލު ކުރަން ފެށިތާ 14 ދުވަސް ހަމަވާނީ މާދަމާ ރޭ 12:00 އަށެވެ.

އަމީން އިތުރަށް ވިދާޅުވީ، މިހާރު އަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް ނަގާނީ ވަކި ހާއްސަ ތަރުތީބަކުން ރިއާޔަތްކުރަން ހުރި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެއާއެކު މިހާތަނަށް ކޮރޯނާއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ނުވަ ގައުމަކުން މީހުން އައުން މާނާކޮށް، އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުން ހިމެނެއެވެ. އަދި ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ކޮންމެ މީހަކު 14 ދުވަހު ކަރަންޓީން ކުރުން ލާޒިމް ކުރުމާއި، ގެސްޓްހައުސްތަކާއި ރެސްޓޯރެންޓު އަދި ކޮލެޖް/ޔުނިވާސިޓތައްވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ވަކި ގަޑިތަކުގައި މާލެ ސިޓީގައި އައީ ކަފިއު ހިންގަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ 19 މީހެކެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން ދަނީ އިނގިރޭސީ ވިލާތުން އައި ހަތަރު ދިވެއްސަކަށެވެ.