މާލޭ ސިޓީގައި އިއުލާންކުރި ކާފިއު އުވާލިޔަސް، ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައި ނެތް ކަމަށް ދެކި ބޭރަށް ނުކުމެ ނޫޅުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ކާފިއު އިއުލާނުކުރި މުއްދަތުގައި ވެސް ކާފިއުގެ ގަޑި ހަމަވާ ވަގުތު ގިނަ ބަޔަކު މަގުމައްޗަށް ނިކުންނަކަން ފާހަގާވާ ކަމަށެވެ.

ނަމަވެސް އެއީ ރައްކާތެރިކަމެއް ނޫން ކަމަށާއި ކާފިއު އުވާލި ނަމަވެސް މަގުމައްޗަށް ނުނިކުތުމަށް ޑރ. އަލީ ލަތީފް އިލްތިމާސް ކުރެއްވި އެވެ.

އޭގެ [ކާފިއުގެ] ބޭނުން ގެއްލުނީ ކާފިއު ހުއްޓާ ވަގުތު ގިނަ ބަޔަކު ބޭރަށް ނިކުންނަނަމަ. ބައެއް ފަހަރު ހީވޭ މީގެ ސީރިއަސްކަން ގިނަ ބަޔަކަށް ނޭނގެނީއޭ. އެގޮތަށް ތަންތަނަށް އެއްވާނަމަ، އެކަކު ގައިގައި ހުންނަ އިންފެކްޝަން އެހެން މީހެއް ގަޔަށް ދިއުމުގެ ފުރުސަތު އޮންނާނެ. އެގޮތަށް ތިމާއަށް ނޭނގިހުރެ ގަޔަށް އިންފެކްޝަން އަރައިފިނަމަ ގެއަށް ދިޔައިމަ ގޭގެ އެހެން މީހުންނަށް ވެސް އިންފެކްޝަން ފެތުރިގެން ގޮސްދާނެ. ވަރަށް މުހިންމު ކަމެއް ކާފިއު ނެގިޔަސް، މަގުމަތީގައި އެއްވެސް ކަހަލަ ޒަރޫރީ ބޭނުމެއް ނެތި ގިނަ ވަގުތު ހޭދަ ނުކުރުން. އަދި ތަންތަނަށް އެއްވެ ޖަމާވުމަކީ ވަރަށް ދެރަ ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19ގެ 19 ކޭސް ފެނިގެންދިޔަ ނަމަވެސް ލޯކަލް ސްޕްރެޑެއް ނެތް ކަމަށެވެ. ނަމަވެސް ކާފިއު އުވާލުމުން އިތުރު ކޭސްއެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ އަޅުގަނޑުމެން ހުޅުވާލީމަ ފަހަރުގައި އަނެއްކާ ވެސް ކޭސްއެއް ފެނުމުގެ ޗާންސް އޮންނާނެ. އެހެންވީމަ މިގޮތަށް ކުރަން ޖެހޭ ކަންތައްތައް ހުރިހާ ބޭފުޅުން ނުކުރާނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ކާފިއު ނެގި ނަމަވެސް ހުރިހާ ބޭފުޅުން ވެސް ވީވަރަކުން ގޭގައި މަޑުކޮށް، ބޭނުމެއް ނެތި ބޭރުގައި ނޫޅުމަކީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހުގަ އެވެ.

ކާފިއު ހިންގިއިރު ކާފިއު ވަގުތުގައި ބޭރަށް ނިކުމުގެން 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސޭހަތްދިން މީހުންވެސް ހިމެނެއެެވެ. އަދި ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައިވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާއެވެ.

މިއަދު ކާފިއު އުވާލި ނަމަވެސް، މާލޭގައި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން އޮތީ މަނާކޮށްފަ އެވެ.