އިޓަލީ އާއި އެމެރިކާ ގައި އޮތް ނުރައްކާތެރި ހާލަތު ބެލުމަށްފަހު ކޮވިޑް-19 ގެ ބިރުވެރިކަން ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ހުރި ބިރުވެރިކަން ޑރ. ލަތީފް ސިފަކޮށްދެއްވީ ދުނިޔޭގައި ވެސް އިގްތިސާދު އެންމެ ވަރުގަދަ ގައުމު، އެމެރިކާ އާއި އިޓަލީގައި އެ ބަލި ފެތުރިގެންދިޔަ ގޮތުގެ މިސާލަކުންނެވެ.

"އެމެރިކާގެ ފުރަތަމަ ކޭސް ފެނުނީ 22 ޖެނުއަރީގައި، އެއީ އިމްޕޯޓަޑް ކޭސްއެއް. އެމީހުންގެ ލޯކަލް ޓްރާންސްމިޝަން ފެށުނީ ފެބްރުއަރީ 26 އެހާ ހިސާބުގައި. ދޮޅު މަސް ދުވަހުގެ ތެރޭގައި ހަތަރު ލައްކަ މީހުންނަށް [މި ބަލި] ޖެހުނީ. އެއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންގެ އާބާދީއަށްވުރެ ބޮޑު އަދަދެއް. މި ދުވަސްކޮޅުގެ ތެރޭގައި ގާތްގަނޑަކަށް 12،700 މީހުން މަރުވެއްޖެ. މިއީ ދޮޅު މަސް. ހަމަ އެ ގޮތަށް އިޓަލީ ވެސް،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

އެމެރިކާ ފަދަ ކުރިއަރާފައިވާ އަދި ސިއްހީ ވަސީލަތްތައް އެހާމެ ރަނގަޅު ގައުމަކަށް މިކަން ރަނގަޅު ނުކުރެވިއްޖެނަމަ ރާއްޖޭގައި މި ބަލި ފެތުރިއްޖެ ހާލަތެއްގައި އެކަން ކުރާނީ ކިހިނެއްތޯ ޑރ. އަލީ ލަތީފް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިކަމުން އެބަ އެނގޭ މީގައި ހުރި ބިރުވެރިކަން. ބަރާބަރަށް ނަގަން ޖެހޭ ފިޔަވަޅުތައް ނުނެގި، ލޯކަލް ސްޕްރެޑްއެއް އައިސްފިނަމަ، ކިތަންމެ ވަރަކަށް ތައްޔާރުވިޔަސް، ކޮންމެވެސް ވަރަކަށް މީހުން މަރުވެގެންދާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ނަމަވެސް މިފަދަ ހާލަތަކަށް ތައްޔާރުވާން ދެ ބަޔަކަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"އެއް ބަޔަކީ ޕްރިވެންޝަނަށް ކުރާ މަސައްކަތް. އެއީ ކާފިއު ހިންގުމާއި ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމާއި މަގުމައްޗަށް ނުނިކުންނަން އާންމުންނަށް ދެމުންދާ އިރުޝާދު. އެއާ އެކީގައި އެބަ ކުރިއަށްގެންދަން ހޮސްޕިޓަލްތައް އިތުރުކުރުން ވެސް. މިހާރު ހުރި ހޮސްޕިޓަލްތަކުން ގިނަ ބަޔަކު ބަލިވެއްޖެނަމަ މެނޭޖެއް ނުކުރެވޭނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގައި މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ ވެސް މި ބަލި ފެތުރުމަކީ ބޮޑު ބިރުވެރިކަމަކަށް ވާތީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި މިއީ ހީވާ ހީވުންތަކެއް ނޫން ކަމަށާއި ބޭރު ގައުމުތަކުގެ ތަފާސްހިސާބުތަކުން ވެސް މިކަން އެނގޭ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ބިރުވެރިކަމެއް. މީގެ ތިން، ހަތަރު މަސް ކުރިން ހިތަށް ވެސް ނާރާނެ މި ހުރިހާ ރިސޯޓުތަކެއް ބަންދުކޮށްފައި، ޓޫރިޒަމަށް ވެސް މިހާބޮޑު ގެއްލުމެއް ވެދާނެ ކަމަކަށް. މިވަރަށް މީހުން ކަރަންޓީނުކޮށްގެން [ދިވެހިންނާއި ބިދޭސީން] މި ހުރިހާ ކަމެއް ކުރަން ޖެހެނީ ކަމުގެ ބިރުވެރިކަން އަދި ކުރަން ޖެހޭ ވަރަށް ކަންތައް ނުކުރެވިއްޖެނަމަ މި ކުޑަ އާބާދީގެ ގިނަ ބަޔަކު ނިޔާވެދާނެތީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ދުނިޔޭގެ 209 ގައުމަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް މީހުން އެ ބައްޔަށް ޕޮޒިޓިވްވެ އަދި މަރުވެފައިވަނީ ވެސް އެމެރިކާއާއި އިޓަލީންނެވެ.

އެމެރިކާއިން މިހާތަނަށް 454،615 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 16،074 މީހުން ވަނީ މަރުވެފަ އެވެ. އަދި އިޓަލީން އެ ބަލި ޖެހުނު 143،626 މީހުންގެ ތެރެއިން 18،279 މީހުން ވަނީ މަރުވެފަ އެވެ.