09 Apr 2020, 21:09
ވޮޝިންގްޓަން (އޭޕްރީލް 9): ކޮވިޑް-19ގެ ސަބަބުން އެމެރިކާގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު 17 މިލިއަނަށް އަރައިފި އެވެ.
ޔޫއެސް ޑިޕާޓްމަންޓް އޮފް ލޭބާއިން މިއަދު ބުނީ މިއީ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދުވަހުން ފެށިގެން ހިނގި ހަތަރު ހަފުތާގެ ތެރޭގައި އެމެރިކާއިން ވަޒީފާ ގެއްލިގެން އެހީއަށް އެދި ހުށަހެޅި މީހުންގެ ޖުމުލަ އަދަދު ކަމަށެވެ.
އޭގެ ތެރެއިން 6.6 މިލިއަން މީހުންނަކީ ހަމައެކަނި މިދިޔަ ހަފުތާގެ ތެރޭގައި ވަޒީފާ ގެއްލިގެން ރިޕޯޓުކުރި މީހުންނެވެ.
އިގްތިސާދީ މާހިރުން ބުނާ ގޮތުގައި މި ހަފުތާގައި އެ އަދަދު 5.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މިހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ އޮންލައިންކޮށް ވަޒީފާ ގެއްލިގެން ރިޕޯޓު ކުރަމުންދާތީ އެކަމަށް ހާއްސަ ވެބްސައިޓުތަކާއި ލޭންޑް ލައިންތަކަށް ވެސް މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިހާރު އެމެރިކާގެ އަންއެމްޕްލޯއިމަންޓް ރޭޓު ހުރީ 13 ޕަސެންޓުގަ އެވެ. ނަމަވެސް މި މަހުގެ ތެރޭގައި 20 މިލިއަން މީހުންގެ ވަޒީފާ ގެއްލި، އަންއެމްޕްލޯއިމަންޓް ރޭޓު 15 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
އެމެރިކާގެ އަންއެމްޕްލޯއިމަންޓް ރޭޓު އިތުރުވެގެން ގޮސްފައިވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވިޔަފާރިތައް ބަންދުކުރަން އެންގުމުންނެވެ.
އެމެރިކާއަކީ މިހާތަނަށް ދުނިޔޭގައި އެއް ގައުމަކުން އެންމެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ގައުމެވެ. އެގޮތުން އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 435،941އަށް ވަނީ އަރާފަ އެވެ.
މީގެ އިތުރުން އެމެރިކާއިން ކޮވިޑް-19 ޖެހިގެން 14،865 މީހުން މަރުވެފައިވާއިރު، އެމެރިކާއަކީ އިޓަލީއާއި ސްޕެއިންއަށް ފަހު އެންމެ ގިނައިން މީހުން މަރުވި ގައުމެވެ.