09 Apr 2020, 21:06
މެޑްރިޑް (9 އޭޕްރީލް): ސްޕެއިންއިން ކޮވިޑް-19 ޖެހިގެން މިއަދު 683 މީހުން މަރުވެއްޖެ އެވެ.
މި އަދަދަކީ އިއްޔެ އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދާ އަޅާބަލާއިރު ދަށްވުމެކެވެ. އިއްޔެ މަރުވެފައިވަނީ 757 މީހުންނެވެ.
ސްޕެއިންގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19އަށް މިއަދު 5،756 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 150،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
އެ ބަލި ޖެހިގެން ސްޕެއިންއިން މަރުވި މީހުންގެ އަދަދަކީ 15،238 އެވެ. އިޓަލީއަށްފަހު ދުނިޔޭގައި އެއް ގައުމަކުން އެންމެ ގިނައިން މީހުން މަރުވީ ސްޕެއިނުންނެވެ.
ސްޕެއިންގައި ކޮވިޑް-19 ކޮންޓްރޯލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސްޕެއިންގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 25އަށް އިތުރުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.