17 Dec 2011, 11:37
ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އަމިއްލަ ގޮތްތައް ކުރިއަށް ނެރެ، އެކަންކަމާ އެއްބަސް ނުވާ ކޮންމެ މީހަކީ ދުޝްމަނެއް ކަމުގައި ބަލައިގަންފިނަމަ ދާދި އަވަހަށް ރާއްޖޭގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދިވެހި ރެޑް ކްރެސެންޓަށް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް މޫވްމަންޓް (އައިއެފްއާރްސީ) ގެ މެމްބަރުކަން ލިބުން ފާހަގަ ކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ވަހީދު ވިދާޅުވީ، ހަމަނުޖެހުންތަކާއި ޖަރީމާތަކުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތައް ހަލާކުވެ، ތަނުގެ މުއްސަނދިކަން ރައްޔިތުން އަތުން ގެއްލިފައިވާ ކަމަށާއި ހިޔާލު ތަފާތުވާ ކަންކަމުގައި އެއްގަލަށް ނޭރޭނަމަ އެފަދަ ގޮތްތަކެއް ރާއްޖެއަށް ވެސް މެދުވެރިވެދާނެ ކަމަށެވެ.
"ތާރީހަށް ބަލާލާއިރު ކޮންމެ ސިޔާސީ ޕާޓީ އަކުން ވެސް އެބައެއްގެ އަމިއްލަ ގޮތްތައް ކުރިއަށް ނެރެ، އެހެން މީހުންގެ ހިޔާލަށް ނުބަލައި، ތިމާއާ އެއްބަސްނުވާ ކޮންމެ މީހަކީ ދުޝްމަނެއްކަމުގައި ބަލާނަމަ ދާދި އަވަހަށް ރާއްޖޭގައި ހަމަނުޖެހުން އުފެދިދާނެ،" ޑރ. ވަހީދު ވިދާޅުވި އެވެ.
ހަމަނުޖެހުން އުފެދިގެން ނުގޮސް އަމާން މުޖުތަމައެއް ގާއިމްކުރުމަށް ހިޔާލުތަފާތުވާ ކަންކަމުގައި އެއްބަސްވެވޭނެ އުސޫލްތަކެއް ކަނޑައަޅައި ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކަކަށް ކަންކަން ނިންމަންޖެހޭ ކަމައް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގައި ހިނގާ ކޯޅުންތައް ހަމަނުޖެހުމަކަށް ވެގެންދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ. އެކަން ކުރެވޭނީ ތަފާތު އުފެދޭ ކަންކަމުގައި އެއްބަސް ވެވޭނެ އުސޫލުތަކެއް ކަނޑައެޅިގެން ގިނަ ބަޔަކަށް މަންފާކުރާ ގޮތަށް ކަންކަން ނިންމުމުން. އަދި އެންމެންގެ ސުލްހައާއި މަސްލަހަތައްޓަކައި މަސައްކަތްކޮށްގެން" ނައިބް ރައީސް ވިދާޅުވި އެވެ.
އައިއެފްއާރްސީގެ މަންދޫބަކު ބައިވެރިވި އެ ހަފްލާގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރެޑް ކްރެންސެންޓަށް އައިއެފްއާރްސީގެ މެންބަރުކަން ލިބުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރެއް ކަމަށެވެ.
ރޭ ވަނީ ދިވެހި ރެޑް ކްރެސެންޓުގެ 15 ވޮލަންޓިއަރަކަށް ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. ދިވެހި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުން ނުވަތަ ދަރުމަވެރިންގެ ގޮތުގައި 925 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: