09 Apr 2020, 15:30
ދިއްލީ (އޭޕްރިލް 9): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި މީހުން ގެއިން ބޭރަށް ނުކުންނަ އިރު އަނގަ އާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކު އަޅަން އަންގައިފި އެވެ.
އިންޑިއާގައި މިހާރު މާސްކު އަޅަން އަންގާފައިވާ ތަންތަނުގެ ތެރޭގައި ދިއްލީ އާއި މަހާރަޝްތުރާ އާއި އުއްތަރަ ޕްރަދޭޝް އާއި އޮޑީޝާ އާއި ޗަންދިގަރު ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ސްޓޭޓުތަކުން ވަނީ އެގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި ސާޖިކަލް މާސްކުގެ އިތުރުން ފޮތި މާސްކުވެސް މީހުންނަށް އެޅޭނެކަން އަންގާފަ އެވެ.
އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި އެ ގަވާއިދު ތަންފީޒު ކުރަން ފަށާފައި ވަނީ، ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުން ފޮތި މާސްކު އަޅަން ސަރުކާރުން ހިތްވަރު ދިނުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތާއިދު ކުރާ ކަމެއް ކަމަށް އެޖަމްއިއްޔާއިން ބުނި ފަހުންނެވެ.
ޑަބްލިއުއެޗްއޯއިން އެފަދައިން ބުނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަކީ ރަނގަޅު ފިޔަވަޅަކަށް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ފަހުންނެވެ. އެއީ މާސްކު އެޅުމަކީ، ވައިރަސް ހުރި ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުން ކުޑަ ކުރެވޭނެ ގޮތަކަށްވާތީ އެވެ.
އޭގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން މިހާރު ވަނީ އާއްމު ތަންތަނުގައި މީހުން ފޮތި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފަ އެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 24ގައި އެގައުމުން ވަނީ 21 ދުވަހަަށް ލޮކްޑައުންކޮށްފަ އެވެ. އެގައުމުގައި މިހާތަނަށް 5,916 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 178 މީހަކު ވަނީ މަރުވެފަ އެވެ.