ދުނިޔޭގެ އެންމެ ކުރު އަންހެނާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރި އިންޑިޔާގެ އުމުރުން 18 އަހަރުގެ ޖޯތީ ބުނާ ގޮތުގައި އޭނާ މިހާރު ދެކޭ ހުވަފެނަކީ ބޮލީވުޑް ފިލްމުތަކުގައި އެކްޓް ކުރުމެވެ.

އިސްކޮޅުގައި 61.95 ސެންޓި މީޓަރު ހުންނަ ޖޯތީއަކީ މިހާރު ވެސް އޭނާގެ އުފަން ރަށް ނާގްޕޫރުގައި މަޝްހޫރު އަންހެނެކެވެ. ނަމަވެސް އޭނާއަށް ލިބުނު ރެކޯޑްގެ އުފާ އޭނާ ފާހަގަކުރަން ބޭނުން ވަނީ ބޮލީވުޑްގައި ފިލްމު ކުޅެ، އިތުރު މަޝްހޫރުކަން ހޯދައިގެނެވެ.

ޖޯތީއަށް ދުނިޔޭގެ އެންމެ ކުރު އަންހެނާގެ ރެކޯޑް ލިބުނީ އެރިކޯޑް ކުރިން އޮންނަ އެމެރިކާގެ ބްރިޖެޓް ޖޯޑަންއަށް ވުރެ ހަތް ސެންޓިމީޓަރު ކުރު މީހެއްގެ ގޮތުގައި ހުރެ އުމުރުން 18 އަހަރު ވުމުންނެވެ.

ޖޯތީގެ ބަރުދަނުގައި ހުންނަނީ އެންމެ 12 އެލްބީ ކަމަށްވާއިރު އެއީ އޭނާ ވިހޭއިރު ހުރި ބަރުދަނަށް ވުރެ އެންމެ ނުވަ އެލްބީ އިތުރު މިންވަރެކެވެ. އޭނާއަކީ ކަށިގައި ރެނދުލުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކަށް ވުމުން މުޅި އުމުރުގައި ވެސް ސިއްހީ ފަރުވާނެ ބޭނުންވާނެ އެވެ. ނަމަވެސް އެފަދަ ކަންތައްތަކުން ޖޯތީ ފިލްމު އިންޑަސްޓްރީއަށް ކުރާ އުއްމީދަށް ބަދަލެއް ނާންނަ ކަމަށް އޭނާއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލްގައި ވެއެވެ.

އަންނަ އަހަރު ފިލްމެއް ކުޅެން ހަމަޖެހިފައިވާ ޖޯތީ އިނގިރޭސިވިލާތުގެ ދަ ސަންއަށް ދިން އިންޓަވިއުއްގައި ބުނެފައި ވަނީ އޭނާ ބޭނުންވަނީ މީހުން އުފާކޮށްދިނުމަށް ކަމަށެވެ.

ދުނިޔޭގެ އެންމެ ކުރު އަންހެނާގެ ރެކޯޑް ޖޯތީއަށް ލިބުނު ކަމުގައި ވިޔަސް ތާރީހުގައި އެންމެ ކުރު އަންހެނެއްގެ ގޮތުގައި އަދިވެސް ފާހަގަ ވެފައި ވަނީ 1876 ވަނަ އަހަރު ނެދަލޭންޑްގައި އުފަންވި ޕައުލިން މަސްޓާސް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ އިސްކޮޅުގައި ހުންނަ ކަމަށް ވަނީ އެންމެ ދެފޫޓެވެ.