ރާއްޖެއިން ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވިކަން އެނގުނު ބިދޭސީ މީހާއާ ސީދާ ބައްދަލުވި ދިވެއްސަކު ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ފުރިފަހުން ކޯވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މިހާރު އޭނާ މޮނީޓާ ކުރުމަށް އައިސޮލޭޝަން ފެސިލިޓީއެއްގައި އެކަހެރިކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޖޯލި މޯލްޑިވްސްއާ ރާ ބޮޑުފުށި ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ބިދޭސީއެއް ރާއްޖޭން ދިޔަ ފަހުން ކޮވިޑް-19އަށް ޕޮޒިޓީވްވެފައިވާކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި މިއަދު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރަނީ އެ ބިދޭސީ މިހާއާ ކޮންޓެކްޓިވި މީހެކެވެ.

ނޭޝަނަލް އޮޕަރޭޝން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ފުރިފަހުން ޕޮޒިޓިވިކަން އެނގުނު ބިދޭސީ މީހާއާ ރާއްޖެއިން ކޮންޓްކެޓްވި 33 މީހުން އެކަހެރި ކޮށްފައިވާކަމަށެވެ.

"ތިރީސް ތިން މީހަކު މިހާތަނަށް ވަނީ ފާހަގަވެފައި އަދި އެ މީހުން ވަނީ އައިސޮލޭޓް ކުރެވިފައި. މީގެތެރޭގައި ހިމެނޭ ރިސޯޓުގެ ސްޓާފުންނާއި އެ މީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ކުރޫއިންނާއި އެއާޕޯޓްތަކުގެ ގުރައުންޑް ސްޓާފުންނާއި އަދި ފްލައިޓް ކުރޫއިން ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭގެ ތެރެއިން 21 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕޮޒިޓިވްވި މީހާއާ ކްލޯސް ކޮންޓްކެޓްވި މީހުން ހޯދައި ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަހެރިކުރެވޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ ބިދޭސީ މީހާ ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހާ ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ، 19 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. ފަރުވާ ދެމުން ދަނީ މިހާރު ރާއްޖޭގައި ތިބި ހަތަރު ދިވެހިންނަށެވެ.