ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހިންގަމުން އައި ކާފިއު އުވާލަން ނިންމާފައިވާކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން މަޝްވަރާކޮށް، ނިންމާފައި ވަނީ މާލޭ ސިޓީއަށް އިއުލާން ކުރާ ކާފިއު އުވާލުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކާފިއު ހިންގުން ހުއްޓާލުމަށްފަހު، މީހުން އާންމުކޮށް ޖަމާވާ ތަންތަނުގައި ގައިދުރުކަމުގެ އިތުރު އެހެން ފިޔަވަޅުތަކެއް އެޅުމެވެ.

ނަމަވެސް، ކާފިއު އުވާލަނީ މިއަދުން ފެށިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގެ ތަރުޖަަމާނު މަބްރޫކު އަޒީޒު މިއަދު "ސަން" އަށް ވިދާޅުވީ، ކާފިއުއާ ގުޅޭ ގޮތުން މިއަދު އެޗްޕީއޭ އިން އެންގުމެއް އިއުލާން ކުރާނެ ކަމަށެވެ. އަދި އެ އެންގުން މިހާރު ތައްޔާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާފިއު އުވާލަން ސަރުކާރުން ނިންމާފައިވޭތޯ ސުވާލު ކުރުމުން އެކަން ދޮގު ނުކުރައްވާ މަބްރޫކު ވިދާޅުވީ، އެޗްޕީއޭގެ އެންގުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަަމަށާއި އެ އެންގުމުން ނިމިގެންދަނީ ކޮން ގޮތެއްކަން އެނގިގެންދާނެ ކަަމަށެވެ.

ކާފިއު ހިންގަން ފެށިތާ މިހާތަނަށް ހަފްތާއެއްހާ ދުވަސް ވެފައިރު، ކާފިއު ވަގުތުގައި ބޭރަށް ނުކުމުގެ މިހާތަނަށް 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސާހަތްދިން މީހުންވެސް ހިމެނެއެެވެ. މިހާތަނަށް ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައިވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާއެވެ.