09 Apr 2020, 15:36
ކޮވިޑް19 އާ ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަގްސަދުގައި ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް ހދ. މަކުނުދޫ ކައުންސިލާއި ފ. ނިލަންދޫ ކައުންސިލުން ނިންމައިފިއެވެ.
މަކުނުދޫ ކައުންސިލުން ބުނީ އެރަށު ޓްރެކް ދަނޑެއް ހެދުމަށް ބިން ސާފުކޮށްފައިވާ ސަރަހައްދާއި އުތުރު ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ބޭނުން ނުކޮށް އޮތް ސަރަހައްދާއި، އަލަށް ދޫކުރި ގޯތިތަކާ ދެމެދުގައި އޮތް ހުސް ސަރަހައްދުތަކާއި، އެ ނޫނަސް އާންމު ގޯތިތަކާއި އިންވެގެން ހުރި ކަންކުތި ހުސް ބިންތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ބިންތައް ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، ބިންތަކުން އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ.
އެ ބިންތަކުގައި ހެއްދޭނެ ތަކެތި ކަމަށް ކައުންސިލުން ބުނެފައި ވަނީ ބިންބި، ދޮނަޅަ، ޒުވާރި، ކަރާ، ބަރަބޯ، ބަޓާނާ، ޗިޗަންޑާ، ތޮރާ، ފުފޫ، ކިއުކަންބާ، ޓޮމާޓޯ، ބަށި، ބީންސް، ކެބެޖް، ކެރެޓް، ކައްޓަލަ، އަލުވި، ދަނޑިއަލުވި، ބީޓްރޫޓް، ފަޅޯ، އަލަނާސި، އާއި ވެލަށްދެމޭ ޒާތުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.
ކޮންމެ ގޭބިސީއަކަށް ދޫކުރާނީ ގިނަވެގެން އެއް ބިން ކަމަށާއި އެ ގޭބިސީއެއް ނިސްބަތްވާ ފަރާތެއްގެ ނަމުގައި މަކުނުދޫގައި، އިމާރާތެއް ނުކޮށް ހުރި ގެވަޅެއް އޮތް ނަމަ އެ ގޭބިސީއަކަށް ދަނޑުބިމެއް ދޫނުކުރާނެ ކަމަށެވެ.
އެގޮތުން އެރަށު ޓްރެކްދަނޑުން ދޫކުރާނީ 50 ފޫޓު ދިގު ބިން ކަމަށާއި، އެ ބިންތައް ދޫކުރާނީ ގުރުއަތު ލައިގެން ކަމަށް ކައުންސިލުން ބުންޏެވެ.
އަލަށް ދޫކުރި ގޯތިތަކާއި ކުރީގެ ގޯތިތަކާ ދެމެދުގައި އޮތް ހުސް ސަރަހައްދުތަކާއި އުތުރު ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ބޭނުން ނުކޮށް އޮތް ސަރަހައްދުން ބިން ދޫކުރުމުގައި އިންވެގެން ހުރި ގޯތިތަކަށް އިސްކަން ދެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އަދި އާންމު ގޯތިތަކާ އިންވެގެން ހުރި ހުސް ބިންތައް ދޫކުރަން ނިންމާފައި ވަނީ އެ ގެއެއް ނިސްބަތްވާ ފަރާތަކަށެވެ.
މި ދަނޑުބިންތަކަށް އެދި ހުށަހެޅުމަށް 9197904 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ކައުންސިލުން މިހާރު ވަނީ ހުޅުވާލައިފައެވެ.
މަކުނުދޫގެ އިތުރުން ނިލަންދޫ ކައުންސިލުން ވެސް ވަނީ ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިންތަކެއް ދޫކުރުމަށް ނިންމައިފައެވެ. ނިލަންދޫ އިން ވެސް ބިން ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ކައުންސިލުން ބުނީ ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގައި ހެއްދޭނީ ހަމައެކަނި ކުރުމުއްދަތުގައި ހައްދައި ބޭނުންކުރެވޭ ތަކެތި ކަމަށެވެ. އަދި ދަނޑުވެރިކަން ކުރަން ދޫކުރެވޭނީ އެންމެ ބޮޑުވެގެން 5000 އަކަފޫޓުގެ ބިމެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން ފެށިގެން 14:00 އަށް ކައުސިލަށް ގޮސް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ކޮވިޑް19 އާ ގުޅިގެން ރަށްރަން ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް ގިނަ ކައުންސިލްތަކުން އަންނަނީ ދަނޑުވެރިކަމަށް ބިން ދޫކުރަން ފަށައިފައެވެ.