ޕޯޓް ޗާޖުގެ ގޮތުގައި ނަގާ އަދަދުތައް ބޮޑުކަމުން ސާކް ފެރީ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރި އަމިއްލަ ކުންފުނިތަކުން އެކަމާ ދުރަށް ދިއުމުން ފެރީގެ ހިދުމަތް އަވަހަށް ނުފެށޭނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

"ކޮޗިން އިން ދިވެހި ރާއްޖެ އަށް ފަށަން ރާވާފައިވާ ފެރީގެ ހިދުމަތް ފެށުން ލަސްވާނެ. އެއީ އިގުސާދީ ގޮތުން ވަޔަބަލް ]ދެކޮޅު ޖެހޭ[ ކަމެއް ނޫން ކަމަށް އަމިއްލަ ކުންފުނިތަކަށް ދަނީ އެނގެމުން،" އިންޑިޔާގެ ޝިޕިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ ( ޕީޓީއައި)ގައިވެ އެވެ.

އަދި ހަމަ އެ އޮފިޝަލް ބުނެފައި ވަނީ ފެރީ ހިދުމަތް ދިނުމުގައި ދެ ބަނދަރުން ވެސް ނަގާފީ މާ ބޮޑުކަމަށް ކުންފުނިތަކުން ބުނަމުންދާ ކަމަށެވެ.

ޝިޕިން މިނިސްޓްރީގެ އޮފިޝަލާ ހަވާލާދީ އެ ނޫހުން އަދި ބުނީ ބަނދަރުން ނަގާ ޗާޖު ބޮޑުކަމަށް ބުނެ ފެރީ ހިދުމަތް ދޭން ބޭނުންވާ އަމިއްލަ ކުންފުނިތަކުން ވަނީ އެކަން އިންޑިޔާ ސަރުކާރަށް އަންގާފައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިންޑިޔާ ސަރުކާރުން އެކުންފުނިތަކަށް ވަކި ޖަވާބެއް ދީފައެއްނުވެ އެވެ.

ފެރީގެ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭނެ ކަމަށް އިންޑިޔާ އާއި ރާއްޖޭގެ ސަރުކާރުން ވެސް ކުރިން ވަނީ ބުނެފަ އެވެ.