09 Apr 2020, 13:16
ޖެނީވާ (9 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް 19" އާ ކުރިމަތިލުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިއެއްޗްއޯ" ނާކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތަކަށް އެޖަމްއިއްޔާއިން ދެކޮޅު ހަދައިފި އެވެ.
ޑަބްލިއެއްޗްއޯގެ އިސް ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮން ގެބްރިޔޭސުސް ވިދާޅުވީ ޓްރަމްޕްގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާ އެތުހުމަތުތައް ގަބޫލު ނުކުރެވޭނެ ކަމުގަ އެވެ. ޓްރަމްޕަށް ރައްދު ދެއްވަމުން ގެބްރިޔޭސުސް ވިދާޅުވީ އޭނާ ގެ ނަސީހަތަކީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ކޮރޯނާ ވައިރަސް ނުހެދުމަށާއި އެ ވައިރަސްއިން އަމިއްލަ ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް އިސްކަންދިނުމަށާއި އަދި ޗައިނާއާއި އެމެރިކާ ގުޅިގެން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އިޚްލާސްތެރި ލީޑާޝިޕް އެއް ދެއްކުން ކަމުގަ އެވެ.
އަމިއްލަ ގައުމުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބު ވުމުގެ ސަބަބުން ހޫނު ފެނަށް ވެއްޓިފައިވާ ޓްރަމްޕް ޑަބްލިއެއްޗްއޯ އަށް ފާޑުވިދާޅުވެ އެޖަމްއިއްޔާއަށް އެމެރިކާ ދޭ ފައިސާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވުމުން އެމެރިކާގެ އެތެރެއިންވެސް ޓްރަމްޕަށްވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ރައްދުވެފައެވެ. މި ޙަމަލާތައް އެންމެ ބޮޑަށް ރައްދު ކުރެއްވީ އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރެއްކަމަށްވާ އެޑަމް ޝިފް އެވެ.
ޝިފް ވަނީ ޓްރަމްޕަކީ ޑަބްލިއެއްޗްއޯ ފަދަ ބައިނަލްއަގްވާމީ ފަންނީ ޖަމްއިއްޔާއަކަށް ފާޑު ވިދާޅުވުމުގެ އިލްމެއް ހުނަރެއް ލީޑާޝިޕެއްވެސް ނެތް ބޭފުޅެއްކަމަށް ސިފަކުރައްވާފައެވެ. އަމިއްލަ ގައުމުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވެފައިވާ ބޭފުޅަކު އެ ވައިރަސްގެ މައްސަލާގައި ޑަބްލިއެއްޗްއޯ އަށް ފާޑުވިދާޅުވެ އިންޒާރު ދެއްވުމަކީ ޖޯކެއްކަމަށްވެސް ޝިފް ވިދާޅުވިއެވެ.

ޓްރަމްޕް
ޓްރަމްޕްވަނީ ޑަބްލިއެއްޗްއޯ އަކީ ޗައިނާ ބުނާގޮތް ހަދާ އަދި ޗައިނާއަށް ފޭވާކުރާ ޖަމްއިއްޔާ އެއްކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ފޮރުވާކަމުގެ ތުހުމަތުވެސް ޓްރަމްޕް ޑަބްލިއެއްޗްއޯ ގެ މައްޗަށް ކުރެއްވިއެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް ޓްރަމްޕަށް ދެއްކި ފައެއްނުވެއެވެ. ޑަބްލިއެއްޗްއޯ އަށް އެމެރިކާ ދޭ ފައިސާގެ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވި ނަމަވެސް އެއަށްފަހު ޓްރަމްޕްވަނީ އެހީ ކަނޑާލަން އަދި ނުނިންމާކަމަށާ އެކަމާމެދު ދަނީ ވިސްނަމުން ކަމަށް ވިދާޅުވެ ތަންކޮޅެއް މައިތިރި ގޮތަކަށް ފަހުން ބަޔާނެއް ދެއްވާފައެވެ.
އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ގޮތަށް އދ. އަށާއި އދ. ގެ އޮނިގނޑުގައި ހިމެނޭ މުސްތަގިއްލު ޖަމްއިއްޔާ ތަކަށްވެސް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ އަދި ދުނިޔޭގައި ހަންފެތުރުމުގެ ވިސްނުން ގެންގުޅޭ ގައުމެކެވެ. އެމެރިކާ ބުނާގޮތް ނަހަދާތީއާއި އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާތީ އެމެރިކާވަނީ ދެފަހަރެއްގެ މަތިން ޔުނެސްކޯ އަށް ދޭ އެހީވެސް ކަނޑާލާފައެވެ. އަދި އެމެރިކާ ޔުނެސްކޯގެ މެންބަރުކަމުން ވަކިވެސް ވެފައިވެއެވެ. ނަމަވެސް ފަހުން އެމެރިކާވަނީ އަލުން އެޖަމްއިއްޔާ އާ އަލުން ގުޅިފައެވެ. އެމެރިކާ ޔުނެސްކޯއަށް ދޭ އެހީ ކަނޑާލިނަމަވެސް އެޖަމްއިއްޔާ އިނދަޖެހިފައެއް ނުވެއެވެ. އެންމެފަހުން އެޖަމްއިއްޔާއިން ވަކިވުމަށްފަހު އެމެރިކާ އަލުން އެޖަމްއިއްޔާއާ ގުޅުނު ނަމަވެސް އެމެރިކާގެ އެދުންތަކާއި ފިއްތުންތަކަށް އެޖަމްއިއްޔާ ބޯލަނބާފައެއް ނުވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އިސްރާއީލު އެދިގެން އެމެރިކާވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދ. ގެ ޖަމްއިއްޔާ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް" (ޔޫއެންއާރުޑަބްލިޔުއޭ ނުވަތަ ޔުނަރްވާ) ޖަމާއަތަށްވެސް ބިރު ދައްކައި އެޖަމްއިއްޔާ އަށް ދޭ ހުރިހާ އެހީތަކެއް މީގެ ދޮޅު އަހަރުކުރިން ކަނޑާލާފައެވެ. ނަމަވެސް މާލީ ދަތިތަކާއެކުވެސް އެޖަމްއިއްޔާ އަދިވެސް ހިނގަމުން ދެއެވެ. މެލޭޝިއާއާއި ތުރުކީފަދަ އިސްލާމި ގައުމުތަކުން އެހީތައް އިތުރުކުރުމުން އެޖަމްއިއްޔާ އިނދަޖެހިފައެއްނުވެއެވެ.
ދުނިޔެ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ތެރޭގައި އޮއްވާ ޑަބްލިއެއްޗްއޯ އަށް ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި މައްސަލާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓެރެސް ވަނީ ޑަބްލިއެއްޗްއޯ ގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އަދި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުންވެސްވަނީ ޑަބްލިއެއްޗްއޯ ގެ ދިފާއުގައި ބަޔާންތައް ނެރެފައެވެ. (ނޫސްއެޖެންސީތައް)