ނިޔުޔޯކް (ޑިސެމްބަރ 17) : ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީ އަސީރެއްގެ ގޮތުގައި ހައްޔަރުކުރުމަށް ފަހު އޭނާ އަވަހާރަ ކޮށްލި އަވަހާރަކޮށްލުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ ލުއިސް އޮކަމްބޯ ވިދާޅުވެއްޖެ އެވެ.

ނިޔުޔޯކްގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އޮކަމްބޯ ވިދާޅުވީ އަސީރެއްގެ ގޮތުގައި މީހަކު ހައްޔަރުކުރުމަށް ފަހު ޝަރީއަތުގެ ޙުކުމަކާނުލާ އެމީހަކު މަރާލުމަކީ ބައިނަލްއަޤްވާމީ ޤާނޫނޫގައި ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތައް ޝަރީޢަތަށް ހާޒިރު ކުރެވެންޖެހޭނެ ކަމުގަ އެވެ.

ގައްޒާފީ އަވަހާރަކޮށްލި މައްސަލަ ތަހްޤީގު ކުރުމަށްޓަކައި ލީބިޔާގެ ވަގުތީ ސަރުކާރާ އެކު ވާހަކަ ދައްކަމުން ގެންދާ ކަމަށާއި މިމައްސަލަ ތަޙްޤީޤް ކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޙައްޤިޤުންގެ ވަފްދެއް ދާދިފަހުން ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އަށް ޒިޔާރަތް ކޮށްފައިވާ ކަން އޮކަމްބޯ ހާމަކުރެއްވި އެވެ.

ގައްޒާފީގެ ވެރިކަމުގެ ނިޒާމް ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިން ގައްޒާފީ އަތުލައިގަތްއިރު އޭނާ ހެޔޮޙާލުގައި ހުންނެވިތަނާއި އެއަށް ފަހު ގައްޒާފީގެ ހަށިކޮޅުގައި އެމީހުން ތެޅިމަންޒަރާއި ގައްޒާފީގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން އޭނާ ލެއިންތައްތެޅިފައިވާ ޙާލު އާދޭސްކުރައްވާ މަންޒަރާއި އަދި އެއަށް ފަހު ގައްޒާފީ އަވަހާރަކޮށްލާފައިވާ މަންޒަރު ދައްކައިދޭ ވީޑިޔޯތަކެއް ވަނީ އާންމުވެފަ އެވެ.

އޮކަމްބޯ މިހެން ވިދާޅުވެފައި ވަނީ ގައްޒާފީ އަވަހާރަކޮށްލުމުގައި އެމެރިކާ ބައިވެރިވެފައިވާ ކަމަށް ރަޝިޔާ ތުހުމަތު ކޮށްފައިވަނިކޮށެވެ. ރަޝިޔާގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން ވަނީ އަސީރެއްގެ ގޮތުގައި ގައްޒާފީ ހައްޔަރުކުރުމަށް ފަހު އަވަހާރަކޮށްލުމުގައި އެމެރިކާ ސަރުކާރުގެ އަތެއްވާ ކަމަށް ތުހުމަތު ކުރައްވައި މިމައްސަލަ ތަޙްޤީޤް ކުރުމަށް ގޮވާލައްވާފަ އެވެ.

ގައްޒާފީގެ އިތުރުން އޭނާގެ ފިރިހެން ދަރިކަލެއް ކަމަށްވާ މުޢްތަސިމް ގައްޒާފީ ވެސް އަވަހާރަކޮށްލާފައި ވަނީ އަސީރެއްގެ ގޮތުގައި އޭނާ ހައްޔަރުކުރުމަށް ފަހުގަ އެވެ. މި މައްސަލަތައް ތަހްޤީޤް ކުރުމަށްޓަކައި އދ.ގެ ޚާއްސަ ވަފްދެއް ލީބިޔާއަށް ޒިޔާރަތް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)