ކޮރޯނާވައިރަސްއާ ދެކޮޅަށް އިނގިރޭސި ވިލާތުގައި މަސައްކަތް ކުރާ ނޭޝަނަލް ހެލްތު ސާވިސަސްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕްރިމިއާ ލީގުގެ ގިނަ ކުޅުންތެރިންތަކެއް ގުޅިގެން ފަންޑް ހޯދުމަށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިޗް ޗެރިޓީ ޓުގެދާއާ ގުޅިގެން ޕްރިމިއާ ލީގުގެ ކުޅުންތެރިން ކެމްޕެއިނު ފަށާފައިވަނީ "ޕްލޭޔާސް ޓުގެދާ"ގެ ނަމުގަ އެވެ. މިހާތަނަށް 150 ޗެރިޓީ ފައުންޑޭޝަނެއް ވަނީ އެ ގައުމުގެ ނޭޝަނަލް ހެލްތް ސާވިސް ޗެރިޓީ ޓުގެދާ ފަންޑާއި ގުޅި ރަޖިސްޓްރީ ވެފަ އެވެ.

"ގައުމުގެ ސިއްހީ ދާއިރާގެ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނާއި އަދިވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ އެހެނިހެން މުވައްޒަފުން ފުރާނަ އަތް މައްޗަށް ލައިގެން މިދަނޑިވަޅުގައި ކުރަމުންދާ މަސައްކަތުގެ ބަދަލުގައި ކުޅުންތެރިންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ތައްޔާރު،" ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ކެމްޕެއިން އިއުލާން ކުރުމަށް ނެރުނު ބަޔާނެއްގަަައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޅުންތެރިން ގުޅިގެން މި ފެށި ކެމްޕޭނަކީ ވަކި ކުލަބަކަށް އަދި ލީގަކަށް ބެލުމެއް ނެތި އެންމެން އެކައްޗެއްް ކިޔައިގެން އެކު އެކީ ފެށި ކެމްޕޭނެއް ކަމަށެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ވެސް ވަނީ މި ބަލި ޖެހިފަ އެވެ. އެގޮތުން އާސެނަލްގެ ހެޑް ކޯޗު މިކެލް އާޓެޓާއާއި ޗެލްސީގެ ފޯވާޑް ކެލަމް ހަޑްސަން-އޮޑޯއީ ވެސް ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން މީގެ ކުރިން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމައިފަ އެވެ.

މިހާތަނަށް ކޮރޯނާ ޖެހިގެން އިނގިރޭސިވިލާތުން 7000 މީހުން މަރުވެފައިވާ އިރު އަދި ވެސް އެ ގައުމުގައި ދަނީ ހަދިޔާ ކުރަމުންނެވެ. އަދި ޖޫން މަހުގެ ނިޔަލަށް މިކަން ދިގުލައިގެން ގޮސްފި ނަމަ ޕްރިމިއާ ލީގު ކެންސަލް ކުރުމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެފަ އެވެ.