ވޮޝިންގޓަން (ޑިސެމްބަރ 17) : އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފާސްކޮށްފައިވާ އެޤައުމުގެ 662 ބިލިޔަން ޑޮލަރުގެ ދިފާޢީ ބަޖެޓް ސެނެޓުން ތަސްދީޤު ކޮށްފި އެވެ.

ސެނެޓުން މިބަޖެޓް ތަސްދީޤު ކުރުމަށް ނެގި ވޯޓުގައި 86 މެންބަރުން އެބަޖެޓަށް ތާއީދުކުރައްވާފައިވާ އިރު 13 މެންބަރަކު ބަޖެޓަށް ދެކޮޅު ހައްދަވާފައިވެ އެވެ. މިހާ ތަނަވަސް އަޣްލަބިއްޔަތަކުން ދިފާޢީ ބަޖެޓް ސެނެޓުން ފާސް ކުރުމުން ދެން މިބަޖެޓް ތަސްދީޤު ކުރުމަށް ރައީސް ބަރަކް އޮބާމާގެ ސޮއި ބޭނުމެއްނުވާނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.

ހަސަތޭކަ ފަސްދޮޅަސް ދެ ބިލިޔަން ޑޮލަރުގެ އެމެރިކާގެ ދިފާޢީ ބަޖެޓް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފާސްކޮށްފައި ވަނީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ހިނގި ބަޙުސްތަކާއި ޒުވާބުތަކަށް ފަހު 662 ބިލިޔަން ޑޮލަރުގެ މިންވަރުގައި އެެމެރިކާގެ ދިފާޢީ ބަޖެޓް ފާސްކޮށްފައި ވަނީ 286 މެންބަރުންގެ ތާއީދު ލިބިގެންނެވެ.

މި ބަޖެޓާ ދެކޮޅަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ 136 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަންނަ އަހަރުގެ އެމެރިކާގެ ދިފާޢީ ބަޖެޓަކީ ފާއިތުވި އަހަރުތަކުގެ ދިފާޢީ ބަޖެޓަށްވުރެ ތަންކޮޅެއް ކުޑަ ބަޖެޓެކެވެ. ދިފާޢީ ބަޖެޓްގެ މިންވަރު ކުޑަކޮށްފައި ވަނީ އެމެރިކާ އަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ ސަބަބުންނާއި މިއަހަރު ނިމޭހިސާބު ޢިރާޤު ހަނގުރާމަ ނިންމާލުމަށް އެމެރިކާ ރާވާފައިވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)