ކޮރޯނާ އަށް ޝައްކުވެގެން ޓެސްޓު ކުރާ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

ކޮރޯނާ އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭމީހުން ކޮންމެވެސް ވަރަށް ބާކީކޮށް، އެމީހުންނާމެދު ތަފާތުކުރުންތައް ގެންގުޅެމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

"މިސާލަކަށް އާއިލާގެ ތެރެއިންވެސް، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިިފިއްޔާ، އެ ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ނޫނީ އެމީހަކު އެއްގޮތަކަށްވެސް ގެޔަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ބައެއް ފަހަރު ކަންތައް ގޮސްފައިހުރިކަމަށް އެބަ މައުލޫމާތު ލިބޭ،" ޑރ. ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މިކަންތައް މީހާގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅިގެންދާ ކަމަށާއި ނަފްސާނީ ގޮތުން އަސަރުކޮށް އޭގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

ޑރ. ވިދާޅުވީ ކޮރޯނާ އަށް ފަރުވާދޭ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭ މައްސަލަތައްވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކުން ފެންނަ ކަމަށާއި މިކަން ދިމާވަނީ މިއީ ފަރުވާއެއް ނެތް، ފަސޭހައިން ބާރަށް ފެތުރޭ ބައްޔަކަށް ވާތީކަމަށް ބެލެވޭ ކަމަށެވެ.

ޑރ. މުރާދު ވަނީ ބައްޔާ ގުޅޭ ރަނގަޅު މައުލޫމާތު ހޯދާ، ޝައްކު ކުރެވޭ ނުވަތަ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ މެދުވެސް ތަފާތު ކުރުން ނުގެންގުޅުމަށް އެދިލައްވައިފައެވެ.

"ނަފްސާނީގޮތުން ގެއްލުންވާނެހެން އަމަލުތައް ބަހައްޓާނަމަ އެއީ ބައްޔަށް ފަރުވާދޭއިރުވެސް އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމެއް،" ޑރ. ވިދާޅުވިއެވެ.

ކޮރޯނާ އާއި ގުޅިގެން ސައިކޯ ސޯޝަލް އެހީ ބޭނުންވާ މީހުންނަށް ރެޑްކްރެސެންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޑރ މުރާދު ވިދާޅުވީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުންދާ ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް އިތުރު މައްސަލައެއް ދިމާނުވާ ކަމަށެވެ.

ރާއްޖެއިން 19 މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުންދަނީ ހަތަރު މީހަކަށެވެ. ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.