08 Apr 2020, 22:35
ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 325 މީހަކު ދޫކޮށްލާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮރޯނާ އާއި ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހަކު އެބަތިބި ކަމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި 1019 މީހަކު އެބަތިބި ކަމަށެވެ.
ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މިއަދުވެސް 28 މީހަކު ދޫކޮށްލާފައިވާއިރު މިދިޔަ މަހުގެ 21 އިން ފެށިގެން ރާއްޖެ އަންނަ ހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށްފަހު ސަރުކާރުން ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ.
ކަރަންޓީނުން ދޫކޮށްލާ މީހުން ދޫކޮށްލަނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ.
މީގެ އިތުރުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށްވެސް އެ ރިސޯޓަކުން ފޭބޭނީ، ރިސޯޓުގައި ޗުއްޓީ ހޭދަކުރި އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންނެވެ.
މިހާތަނަށް 18 ރިސޯޓަކަށާއި 43 ސަފާރީއެއްގެ މުވައްޒަފުންނަށް ރިލީޒް ދީފައިވާކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހަތަރު މީހަކަށް ރާއްޖޭގައި ފަރުވާދެމުންދާއިރު ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.