އިސްލާމްދީން އައުމުގެ ކުރިން ވެސް ޑިމޮކްރަސީގެ އުސޫލުތައް ދުނިޔޭގައި އޮތް ކަމަށާއި އިސްލާމީ ޝަރީއަތް ﷲ ބާވައިލެއްވީ އެ ގޮތްތައް އިންސާނުންނަށް ކަމުނުދާތީ ކަމަށް އައްޝެއިޚު އަހުމަދު ސަމީރު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި އެއްވުމެއްގައު ދީނީ ދަރުސް ދެއްވަމުން ޝެއިޚު ސަމީރު ވިދާޅުވީ ﷲ ޝަރީއަތް ބާވައިލެއްވީ އެކަލާނގެ އެއްކައުވަންތަކަށް އިންސާނުން ގަބޫލުކުރުމަށްޓަކައި ކަމަށެވެ.

"އެއްވެސް ހާލެއްގައި އެއްވެސް ވަލައީ ފަލްސަފާއަކަށް އަމިއްލަ ވިސްނުމަކަށް ﷲގެ އަޅުތަކުން އަޅުވެތިވާނެ ޖާގައެއް ނުދެމާ، އެހެން ނޫން ނަމަ ޝަރީއަތް ބާވައިލެއްވުމުގެ ބޭނުމެއް ނެތް، އެހެނީ ﷲ ސުބުޙާނަހޫ ވަތައާލާ އަޅުތަކުންނަށް ޝަރީއަތެއް ބާވާނުލެއްވިޔަސް، ރަސޫލު ބޭކަލުން ނުފޮނުއްވިޔަސް، ކީރިތި ގުރުއާން ބާވައި ނުލެއްވިޔަސް، އަޅުތަކުން އުޅެމުންދާނީ އެމީހުންނަށް ފެންނަ ގޮތަކަށް، އެމީހުންގެ ތެރޭގައި މަޝްވަރާކުރެވެމުން އޭގެ ތެރެއިން ގިނަ ބަޔަކު ތާއީދުކުރާ ގޮތަކަށް ކަންކަން ފާސްކުރެވި ނިންމޭ ގޮތަކަށް އަމަލުކުރަމުން ދާނީ، " ޝެއިހު ސަމީރު ވިދާޅުވި އެވެ.
ޝެއިޚު ވިދާޅުވީ އިސްލާމީ ޝަރީއަތް ބާވައިލެއްވުމުގެ ކުރީގައި ވެސް މީސްތަކުން އުޅެމުން ދިޔައީ އެމީހުންގެ އަމިއްލަ ކަންތައް އަމިއްލައަށް ކޮށްގެން، ކަންތައްތަކުގައި މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަމަށެވެ. އަދި ޑިމޮކްރަސީއަކީ އެއީ ނޫންތޯ އޭނާ ސުވާލުކުރެއްވި އެވެ.

މިސާލު ދައްކަވަމުން ޝެއިޚު ވިދާޅުވީ ކީރިތި ރަސޫލާ މައްކާގައި ދީނަށް ގޮވައިލައްވަން ފެއްޓެވުމުން އެކަލޭގެފާނާ މެދު ގޮތެއް ނިންމަން މައްކާގައި އޭރު އޮތް ހަ ގަބީލާގެ ފަރާތުން 14 މަންދޫބުން ބައިވެރިވެގެން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ތިން ހަތަރު ޚިޔާލެއް ފާޅުކުރެވި އޭގެ ތެރެއިން އެއްގޮތް ފާސްކުރި ކަމަށާއި އެގޮތަކީ ރަސޫލާ އަވަހާރަކޮށްލުން ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާއަށް ވިސްނާލާއިރު ޑިމޮކްރަސީއާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.

"މިއީ ޑިމޮކްރަސީ ނޫންތޯ؟ ޑިމޮކްރަސީ އުފެއްދި މީހުން އެ މާނަކުރާ ގޮތާ ޚިލާފު އެންމެ ނުކުތާއެއް ވެސް މީގައި ނޯންނާނެ، އެއީ ހައްގެ ބާތިލެއް ނެތި އިލާހީ އެއްވެސް އަމުރެއް ނެތި އެމީހުންގެ ކަންތައްތައް އެމީހުން އަމިއްލައަށް ނިންމުން،" ޝެއިޚު ވިދާޅުވި އެވެ.
~
ޝައިޚު ވިދާޅުވީ ޑިމޮކްރަސީގައި ބަހުސް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެހެން ނަމަވެސް އިސްލާމީ ޝަރީއަތުގައި ﷲ ބާވައިލެއްވި ހުކުމް ފުޅުތަކާ މެދު ބަހުސް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ﷲ ބާވައިލެއްވި ޝަރީއަތާ ދެކޮޅުހެދުމަކީ އިންސާނުންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށެވެ.

ޑިމޮކްރަސީ އައުމުން ރާއްޖޭގައި ﷲ ގެ ހުކުމް ފުޅުތަކާ މެދު ވެސް ބަހުސް ކުރަމުންދާ ކަން ޝެއިޚު ފާހަގަ ކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނުގައި އެއް އިބާރާތަކުން ބާވައިލައްވާފައިވާ ދެ ހުކުމަކާ މެދު ދެގޮތަކަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން ރޯދަ ހިފުމާއި ނުހިފުމާ މެދު ބަހުސް ނުކުރެވޭނެ ކަމަށް ގަބޫލުކުރާ އިރު ގިސޯސް ހިފުމަކީ ބަހުސް ކުރެވޭ ކަމަކަށް ހަދާފައިވާ ކަމަށް ޝެއިޚު ވިދާޅުވި އެވެ.

ޝެއިޚު ވިދާޅުވީ މުސްލިމަކަށްވެ ހުރެ ﷲ ބާވައިލެއްވި ހުކުމްފުޅަކަށް އަމަލު ކުރާނީތޯ ނުކުރާނީތޯ ބަހުސް ނުކުރެވޭނެ ކަމަށެވެ.

"އިސްލާމްދީނުގެ މަޝްވަރާއާ ޑިމޮކްރަސީގެ މަޝްވަރާއާ އުޑާ ބިމާހާ ތަފާތުވާނެ، އެއީ ޑިމޮކްރަސީގައި ކޮންމެ ކަމަކާ މެދުގައި ވެސް މަޝްވަރާކުރެވޭނެ، ކޮންމެ މީހަކަށް ވެސް މަޝްވަރާ ކުރެވޭނެ، އިސްލާމްދީނުގައި ކޮންމެ ކަމަކާމެދު މަޝްވަރާއެއް ނުކުރެވޭނެ، ކޮންމެ މީހަކަށް ވެސް މަޝްވަރާއެއް ނުދެވޭނެ، މަޝްވަރާ ދެވޭނީ އެކަމެއްގެ އިލްމާއި ހުނަރު ހުރި މީހަކަށް، " ޝެއިޚު ސަމީރު ވިދާޅުވިއެވެ.

މިރޭގެ ދަރުސް އަޑުއެހުމަށް އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ މީހުން ޖަމާވިއެވެ.