ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ހާލަތުގައި ކޯޓުތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމާ ގުޅޭ ހާއްސަ ގަވައިދަކަށް އަމަލު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި އެ ހާއްސަ ގަވައިދުގައި ވަނީ ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އަށް ހާލަތެއް އެ ގަވައިދުގައިވެއެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަރީއަތުގެކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ސީދާ ދައުލަތުން ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވުމާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 148 ވަނަ މާއްދާގައިވާ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކީންގެ ހެކިބަސް ނެގުން ފަދަ ހާލަތްތައް ހިމެނެއެވެ.

އަދި ދައުވާ ލިބޭ ފަރާތް މައްސަލަ ހުށަހެޅި ކޯޓު ހުރި ރަށުގައި ނެތް ހާލަތެއްގައި އާއި ކުށުގެ ތުހުމަތު ކުރެވޭ މީހާ ގައިގައި ގައިން ގަޔަށް އަރާ ބައްޔެއް ހުރި ހާލަތްވެސް ހިމެނެއެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި، އެކަމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަަކައި، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބޭއްވޭނެ ކަމަށްވެސް އެ ގަވައިދުގައި ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި ދިފާއީ ވަކީލުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބާއްވަން އެދޭ ނަމަ ދިފާއީ ވަކީލުންވެސް ވަކި ތަނެއްގައި ތިބެގެން އަޑުއެހުން ބޭއްވޭނެއެވެ.

އެ ހާއްސަ ގަވައިދަށް އަމަލު ކުރަން ފެށުމާ އެކު ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ހަ ވަނަ ބާބަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓިގެންދާނެ އެވެ.