17 Dec 2011, 09:54
ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވިއިރު ލިޔުއްވާފައިވާ ޚުތުބާތައް އެޑިޓްކޮށް ބަދަލުތަކެއް ގެނެސް "އަސަރު ކަނޑުވައި"ގެން ކިޔަމުންދާ ކަމަށް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ "ހުކުރު ދުވަސް މަސްއޫދާ އެކު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނެވި އިރު ވަރަށް ގިނަ ޚުތުބާތައް ލިޔުއްވާފައިވާނެ ކަމަށެވެ. އަދި މިހާރަކަށް އައިސް އެ ޚުތުބާތައް އެޑިޓްކޮށް ބަދަލު ގެނައުމަށް ފަހު އޭގެ އަސަރު ކަނޑުވާލައިގެން ކިޔަމުންދާ ކަމަށެވެ.
"އޭރުގަ އަޅުގަނޑު ލިޔެފައި ހުންނަ ޚުތުބާތައް މިހާރު އެޑިޓް ކޮށްގެން، ބަދަލުކޮށްގެން އެބަކިޔާ. އީދުގެ ޚުތުބާ ވެސް މިއަދުގެ [އިއްޔެގެ] ޚުތުބާ އަށް ވެސް ބަދަލުތަކެއް އައިސްފަ ހުރީ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހަކު ލިޔެފައި އޮންނަ އިލްމީ ލިޔުމެއް އެ މީހެއްގެ އިޒުނަޔާ ނުލައި އެޑިޓް ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އޭނާގެ ޚުތުބާތަކަށް ބަދަލުގެނެސްގެން ކިޔުމަކީ އެއީ އޭނާ ވަރަށް ބޮޑަށް އިންކާރު ކުރައްވާކަމެއް ކަމަށެވެ.
"ޚުތުބާގެ އަސަރު ކަނޑުވާފައި އެތާތެރޭ [އިސްލާމިކް މިނިސްޓްރީތެރޭ] އުޅޭ ކޮންމެވެސް ބަޔަކު ބޭނުން ގޮތަކަށް ގެންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް [އަޅުގަނޑު] އިންކާރު ކުރާކަމެއް އެއީ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މީހަކު ލިޔެފައިވާ ޚުތުބާތައް ބަދަލުކުރުމަކީ އެ ލިޔުނު މީހަކާ ދޭތެރޭ ވަރަށް ބޮޑަށް އިހާނާތްތެރިކޮށް ހިތުން ކަމަށެވެ.
"އެހެންވީމާ އެ ބޭފުޅުންނަށް އަމިއްލަފުޅަށް ޚުތުބާ ނުލިޔެވެންޏާ ކީއްވެގެންތޯ އަމިއްލަފުޅަށް [އެޑިޓް ކުރައްވަނީ]. އޭގެ ސަބަބުން އެ މީހާއަށް [ހުތުބާ ލިޔުއްވި އިލްމުވެރިޔާއަށް] ކިހާބޮޑު އިހާނެތިކަމެއް ހަގީގަތުގައި އެކުރެވެނީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމުގެ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއްތޯ ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ "އަޅުގަނޑު ޖެހޭނީ ބަލައިލަން" ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: