09 Apr 2020, 14:46
ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ރާއްޖޭގެ މައިމަރުކަޒު، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެ ތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ފެންނަނީ، އެކި މާލަންތަކުން ވަދެ ނުކުމެ ކޮންމެ މީހަކު ވެސް ހޭބޯނާރާ އުޅޭތަނެވެ. އެކަމަކު އެ މާހައުލުގެ ތެރެއިންވެސް އަޅައިގަތް ތަފާތު އެއް މަންޒަރަކީ، ދަރުބާރުގޭގެ އެއް ފާރެއްގައި ހަރުކޮށްފައި ހުރި ކުލަގަދަ ލިޔުންތަކެވެ. އެ ލިޔުންތައް ބަލައިލާ ކޮންމެ މީހަކު ހިނިތުންވުމަކާއެކު އަނެއްކާވެސް މަސައްކަތަށް އެނބުރިދެ އެވެ. އެއީ ޝައުގުވެރި މަންޒަރެކެވެ.
އަހަރެންގެ ޝައުގުވެރިކަން ގޮސް ހުއްޓުނީ، އެ ކުލަގަދަ ލިޔުންތަކަށެވެ.
އެ ފާރުގައި ހަރުކޮށްފައި ހުރީ ހެޔޮ ދުއާތަކާއި ޝުކުރުގެ "ކާޑް"ތަކެވެ. އެއީ އެތައް ބައެއްގެ ހެޔޮ އެދުންތަކާއެކު، ކެތްތެރިކަމާއި ހިތްވަރާއި ސާބަހުގެ ބަސްތަކެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އައިމިނަތު އިޒްދިހާ ރުޝްދީ (އިޒޫ) ބުނި ގޮތުގައި، މިއީ އަރަބިއްޔާ ސްކޫލުގެ ސްކައުޓު ގްރޫޕުން، ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ހަދިޔާކުރި ކާޑުތަކެކެވެ.
"އަރަބިއްޔާ ސްކޫލުގެ ސްކައުޓު ކުއްޖެއް އެއްދުވަހަކު އައިސް އަޅުގަނޑުމެންގެ ޗީފް (އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން)އަށް މި ކާޑުތައް އެރުވީ،" އިޒޫ ބުންޏެވެ.

އޭޕްރީލް 4، 2020: ފްރޮންޑްލައިން މަސައްކަތް ކުރާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތިން އެކި ފަރާތްތަކުން ދަރުބާރުގޭގައި ހަރުކޮއްފައިވާ ކާޑް ތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހާ ހިސާބުން އެންޑީއެމްއޭއިން ނިންމީ އެންމެންނަށް ފެންނާނޭ ފަދަ ގޮތަކަށް ކާޑުތައް ޑިސްޕްލޭކުރާށެވެ. އެންމެ ތުއްތު ކުއްޖާއިން ފެށޭ ހިސާބުން މުޅި ރާއްޖޭގެ އާބާދީ އޮތީ ދަރުބާރުގޭގައި ކުރެވޭ މަސައްކަތުގެ ފަހަތުގައި ތިބި އެންމެންގެ ހިތްވަރަށް ސާބަސް ދޭންކަމުގެ ރަމްޒެއް ބަހައްޓާށެވެ.
"އެއް ރޭ ދަންވަރު ކާޑުތައް ޑިސްޕްލޭކުރީ. އަނެއް ދުވަހު ހެނދުނު އެންމެން މީޓިންގ ގަޑިއަށް އައިސް ކޮފީތަށި ގިރާލައިގެން ނުކުމެ ތިބީ މި ކާޑުތައް ކިޔަން. އެމީހުންގެ މޫނުމަތިން ވެފައި ހުރި އުފާ ފެނުނު،" އިޒޫ ކިޔައިދިނެވެ.
"ތިޔަ މަސައްކަތަށް އަހަރެމެން ފަހުރުވެރިވަން،" ޑޮކްޓަރަކާއި ނަރުހަކާއި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރަކު ކުރަހާފައިވާ ކާޑެއްގައި ކުއްޖަކު ލިޔެފައި އޮތެވެ.
އޭޕްރީލް 4، 2020: ފްރޮންޑްލައިން މަސައްކަތް ކުރާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތިން އެކި ފަރާތްތަކުން ދަރުބާރުގޭގައި ހަރުކޮއްފައިވާ ކާޑް ތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެން ކާޑެއްގައި އޮތީ، ކޮވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޝާމިލުވާ އެންމެންނަށް ހެޔޮ ޖަޒާ ދެއްވުން އެދި ކޮށްފައިވާ ދުއާއެކެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކޮންމެ ދުވަހަކު އެތައް ވަގުތެއްގައި މަސައްކަތްކުރާ އެންމެންނަށް އަނބުރާ ގެއަށް ގޮސް އާއިލާއާއެކު ވަގުތު ހޭދަކުރާނެ ފުރުސަތު ލިބޭތޯ ކުރާ ދުއާއެވެ.
މިހެން ގޮސް، މަސައްކަތުގައި ޝާމިލުވާ ވަކިވަކި މީހުންނަށްވެސް ޝުކުރާއި ހިތްވަރުގެ ބަސްތައް ރައްދު ކޮށްފައި ހުއްޓެވެ.
"ކޮރޯނާވައިރަހުގެ މައުލޫމާތު އަހަރެމެންނަށް ސައިން ލޭންގުއޭޖުން ފޯރުކޮށްދޭން ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ. ތިޔަ ކުރާ ބުރަ މަސައްކަތް ހުރިހާ ޕްރެސް ކޮންފަރަންސަކުން ފެނޭ،" ސައިން ލޭންގުއޭޖް އިންޓަޕްރެޓާ މަރިޔަމް ފަޒްނީއަށް އެޑްރެސްކޮށް ފޮނުވާފައި އޮތް ކާޑެއްގައި އޮތެވެ.
އޭޕްރީލް 4، 2020: ފްރޮންޑްލައިން މަސައްކަތް ކުރާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތިން އެކި ފަރާތްތަކުން ދަރުބާރުގޭގައި ހަރުކޮއްފައިވާ ކާޑް ތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެދުގައި ހަރުކޮށްފައި ހުރީ ހާއްސަ ކާޑެކެވެ. ކޮރޯނާވައިރަހުގެ ކަންތައްގަނޑުގައި އެކި ގޮތްގޮތުން، އެކި ހައިސިއްޔަތުން މުޖުތަމައަށްޓަކައި މަސައްކަތްކުރާ މީހުންނާއި އިދާރާތަކުގެ ނަންތައް ވަކިވަކިން ފާހަގަކޮށް ހަދާފައި އޮތް ކާޑެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒުގެ ނަމުން ފެށިގެން އެޗްޕީއޭއާއި ސިއްހީ ދާއިރާގެ މީހުންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ރާއްޖޭގެ މީޑިއާ ސްޓޭޝަނުތައް ނަމުން ފާހަގަކޮށް، އޭގައި ޝުކުރާއި ހިތްވަރު ދީފައި އޮތެވެ.
"ކުޑަކުދިންތަކެއް ލިޔެފައިވާ ވަރަށް ލޯބި މެސެޖުތަކެއް މިއީ. އަޅުގަނޑުމެން ހަފްތާގެ ހަތް ދުވަހު، މިތަނުގައި 16 ގަޑިއިރު މި މަސައްކަތްކުރަނީ. އެންމެ ކުޑަކުއްޖާގެ ފަރާތުން މިތަކެތި ލިބުމުން، އެބަ ގަބޫލުކުރެވޭ އަޅުގަނޑުމެން ކުރާ މަސައްކަތް ގައުމުގެ އެންމެން ބަލައިގަންނަކަން،" އެންޑީއެމްއޭގެ އިޒޫ ބުންޏެވެ.
ކާޑުތަކުގެ އިތުރުން އެންއީއޯސީގެ މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް ކޭކާއި އެހެނިހެން ކާބޯތަކެތީގެ ގޮތުގައިވެސް ހިތްވަރު ލިބޭލެއް މަދެއް ނޫނެވެ.

އޭޕްރީލް 4، 2020: ފްރޮންޑްލައިން މަސައްކަތް ކުރާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތިން އެކި ފަރާތްތަކުން ދަރުބާރުގޭގައި ހަރުކޮއްފައިވާ ކާޑް ތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މި ސެޓްއަޕް ފެށުނީއްސުރެ ކޮންމެ ދުވަހަކު ކޭކެއް އެބަ ލިބޭ. ކޮންމެވެސް ވައްތަރެއްގެ ފޮނި އެއްޗެއް އެބަ ލިބޭ. ތިޔަ މަސައްކަތަށް ޝުކުރިއްޔާއޭ ކިޔައި، މިތަނުގެ އެންމެންނަށް ވާ ވަރަށް ޕިއްޒާވެސް ލިބިފައި އެބަހުރި،" އިޒޫ ބުންޏެވެ.
"އަމިއްލަ ފަރުދުންނާއި ހޯމް ބޭކާސްއާއި ކުދި ވިޔަފާރިތަކުންނާއި، އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި އޮފީސްތަކުންވެސް އަޅުގަނޑުމެންނަށް ކޭކު ފަދަ ތަކެތި ފޮނުވާފައި ހިތްވަރު އެބަ ދޭ. މިއީވެސް އަނެއްކާ ހެޕީ މޯމެންޓެއް، އެންމެން ބިޒީކޮށް އުޅެމުން އެކުވެލައި އެކުގައި އުފާކޮށްލެވޭ ވަގުތުކޮޅެއް،"
އިޒޫގެ އިތުރުން އެންއީއޯސީގައި މަސައްކަތްކުރާ އެކި މުވައްޒަފުންނާއި ވޮލަންޓިއަރުންވެސް ބުނީ މިފަދަ ކޮންމެ ކަމަކާއި ހިނދުކޮޅަކުން ލިބެނީ އާ ހިތްވަރެއް ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގްގެ "ކަވި" މަސައްކަތުން ފެށިގެން ގޮސް މީހުން ކަަރަންޓީނުކުރުމާއި އެކަހެރިކުރުމާއި ސާމްޕަލް ނެގުމާއި، ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމާއި އަދި ކަންކަން ވިލަރެސްކުރުމުގެ ބުރަކަމާ ކުރިމަތިލާން އުފައްދާލަނީ އާ އަޒުމެކެވެ.
ކޮންމެ ކާޑަކާއި، ސާބަހާއި ޝުކުރުގެ ކޮންމެ ބަހަކީ ދަރުބާރުގޭގައި ހިދުމަތްކުރަމުންދާ ކޮންމެ މީހަކަށްވެސް އާ އުންމީދަކާއެކު ހިތްވަރެއް ލިބޭ ވަގުތެކެވެ. ވަރުބަލިކަމުގެ އިހުސާސާއި، އަމިއްލަ އާއިލާއާ ދުރުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހުނު ނަމަވެސް އެމީހުންގެ ހިތްތައް ފުރިގެންދަނީ ފަހަތުގައި ސަޕޯޓު ދޭން މުޅި ގައުމު އޮތްކަން އެނގޭތީއެވެ.