08 Apr 2020, 14:20
ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށް، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު ހަސަން ލަތީފެވެ.
މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.
އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
މި ބިލާ ގުޅިގެން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލުތަކުގެ ތިން އަހަރުގެ ދައުރު އިތުރުކުރުން ކަމަށެވެ.
"ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް،" އުޝާމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރު ދިގުދެމިގެންދާ ގޮތަށް މަޖިލީހަށް އާ ބިލެއް ހުށަހަޅާފައި މިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެއްމުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށެވެ. އަދި މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ދެއްމޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ލަފާ ދެއްވާފައި ވަނިކޮށެވެ.
ދުނިޔޭގައި ބާރު މިނުގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންވެސް ވަނީ މަޖިލީހަށް ވަކި ބިލެއް ހުށަހަޅުއްވާފަ އެވެ.
އެ ބިލުގައި ވާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ދެން ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެހެން ހާލަތަކަށް ބަދަލުވުމުންނެވެ. އަދި އެގޮތަށް ލަސްކުރި ނަމަވެސް ޖެނުއަރީ ހަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު، ދެން ހަދާނެ ގޮތަކާ މެދު މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އާއި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ، މި ދަނޑިވަޅަކީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށާއި އެ ހައްލު ހޯދަން ޖެހޭނީ ގާނޫނަކުން ކަމަށެވެ.
އަދި ބައެއް މެންބަރުން ވަނީ މިހާރު އިންތިހާބުވެފައިވާ ކައުންސިލްތަކުގެ ދައުރު ދިގުދެންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، އާ ކައުންސިލްތައް އިންތިހާބު ކުރެވެންދެން ކޮންމެ ރަށެއް ވެސް ހިންގުމަށް ރައީސް ބޭފުޅަކު އައްޔަން ކުރުމުގެ ހިޔާލު ވެސް ދެއްވައިފަ އެވެ.