16 Dec 2011, 21:53
މާމިގިލިން: މުންޑޫ އާދަމް ހަލީމް
ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ފެންވަރުމަތީ ހޮސްޕިޓަލް އަންނަ އަހަރު މާމިގިލީގައި އަޅާނެ ކަމަށް ވިލާ ހޮޓެލްސްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާމިގިލީގެ ތަރައްގީއާ ގުޅިފައިވާ އެ ރަށަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް މިދިޔަ ހަފުތާގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާމިގިލީގައި ވަރުގަދަ ހޮސްޕިޓަލެއް އަޅަން ނިންމެވީ މާމިގިއްޔާއި އެ ސަރަހައްދު ތަރައްގީވެގެންދާ އިރު އެ ތަރައްގީއާ އެއްފެންވަރުގެ ސިއްހީ ހިދުމަތެއް ސަރަހައްދާށާއި މުޅި ރާއްޖެ އަށް ފޯރުކޮށްދެއްވުމަށް ކަމަށެވެ. އަދި އެއީ ކުރިންސުރެ ވެސް ބޭނުންފުޅުވެފައި ހުންނެވި ކަމެއް ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.
"މާމިގިލީގައި ހޮސްޕިޓަލެއް އަޅަން އަޅުގަނޑު ނިންމާފައި ވަނީ އެ ހޮސްޕިޓަކީ މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ވުރެ މަތީ ފެންވަރުގައި ފަރުވާދެވޭ ހޮސްޕިޓަލެއްގެ ގޮތުގައި،" ގާސިމް ވިދާޅުވި އެވެ. "އައިޖީއެމްއެޗަށް ވުރެ ރަނގަޅު ފެންވަރުގައި، އެއަށް ވުރެ ރިލައިބަލް ޑޮކްޓަރުން ތިބެގެން ހިންގާ ހޮސްޕިޓަލެއް މާމިގިލީގައި އަޅާނީ، ހުރިހާ ގޮތަކުން ވެސް މާލެއަށް ވުރެ ފެންވަރު ރަނގަޅުވާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށާނީ ވެސް މަދުވެގެން 100 ނޫނީ 150 ވަރަކަށް އެނދާ އެކު ކަމަށާއި އެ ހޮސްޕިޓަލުގައި ހިދުމަތް ވެގެންދާނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކަށް ކަމަށެވެ. އަދި ވިދާޅުވީ ހޮސްޕިޓަލު ހިންގާނީ ޔޫރަޕްގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
"ހޮސްޕިޓަލުގެ މަސައްކަތް މިއޮތީ މިއަންނަ އަހަރަށް، މާމިގިލީ ސްކޫލް ނިންމާފައި އަޅުގަނޑު ފަށާނެ ޕްރޮޖެކްޓަކީ މި ދެންނެވި ހޮސްޕިޓަލުގެ މަސައްކަތް މިހާރު ބިން ވެސް އޮންނާނީ ބަލާފައި. އެކަމަށް އެކަށީގެންވާ ޖާގައާ އެކު. ފަށައިގަންނަ އިރު ވެސް އައިޖީއެމްޗަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަން ކަށަވަރު." މާމިގީލީގައި ސަރުކާރުން ހިންގާ ސްކޫލްގެ ގޯތީގައި ގާސިމުގެ ހަރަދުގައި މިހާރު އަޅަމުން އަންނަ ތިން ބުރީގެ ސްކޫލް އިމާރާތަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.