08 Apr 2020, 12:18
ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމަވާލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު ދެކިވަޑައިގަންނަވާ ވަކި ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދު ޖަލްސާ ނިންމަވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ގާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020"ގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ޖަލްސާ ފައްޓަވައި، ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން މި ދެ ދުވަހު ކުރިއަށް ދިޔަ ބަހުސްގައި 57 މެމްބަރުން ބައިވެރިވި ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށް ވިދާޅުވީ ހައެއްކަ މެމްބަރުން ކަމަށެވެ.
ބާކީ ތިބި 50 މެމްބަރުންނަށް ބުރަވެވުނީ، ގާނޫނުން ޖާގަ ދިން ނަމަވެސް، މިއީ ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީ އިސްލާހުކުރަންވީ ވަގުތު ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ އަތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އެބަ އޮތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރުކުރުމަށާއި ރިޔާސީ ދައުރު އިތުރުކުރުމަށް ވެސް ގާނޫނު އަސާސީއަށް ބަދަލުގެނެވިދާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ހިތަށް ވަނީ އަޅުގަނޑުމެން މިކަން ކުރަންޖެހޭނީ ވަރަށް ޒިންމާދާރު ކަމާއެކީގައި. އަޅުގަނޑުގެ ވަކި ގޮތެއް މިކަމުގައި އޮވެގެނެއް ނޫން އަޅުގަނޑު މި އުޅެނީކީއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެތޯ ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ، އެއީ ކުރެވޭނެ ކަމަށް ލަފާދެއްވައިފަ އެވެ.
ނަމަވެސް އޭގެ ފަހުން ވެސް ނަޝީދު ވަނީ ތަކުރާރުކޮށް ސުވާލު އުފައްދަވައިފަ އެވެ. އަދި އެކަމާ ގުޅިގެން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިހާރު ހުށަހަޅުއްވާފައި އޮތް ބިލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ ގާނޫނާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވުން އެކަށީގެންވާ ކަމަށެވެ.
"ދެން އަޅުގަނޑު މި ހިތަށް އަރާ އެއްޗަކީ ކޮން ވަޑިއެއް ކައިރިއަށް ބާއޭ އަޅުގަނޑު ދާންވީ. ތުނޑު ހުރި އެއްވެސް ވަޑިއެއް އެބަހުރި ބާއޭ. އިއްޒަތްތެރި މެމްބަރުންގެ ވަޅީގައި ތުނޑު ހުންނާނީ. އަޅުގަނޑު ދެކެނީ ތިޔަ ބޭފުޅުން ވިސްނުންތެރިކަމާއި ބުއްދިވެރިކަމާ އެކީގައި މިކަންކަމަށް ހައްލު ހޯއްދަވައިދެއްވުން. އަޅުގަނޑު މީގައި ދެކޭ ވަކި ގޮތެއް ނެތް،" ހަސަން ލަތީފަކީ ވެސް ގާނޫނީ ވަކީލެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން މެމްބަރުންނަށް ފެނިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށާއި، ގާނޫނު އަސާސީ އިސްލާހުކުރަން މެމްބަރުންނަށް ނުފެންނަ ނަމަ، އެގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
ހަމައެއާއެކު މިހާރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލު ރަނގަޅުކަމަށް ނުފެންނަ ނަމަ، ބިލު ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލެވިދާނެ ކަމަށާއި، ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފަހު ވެސް ބިލު ފާސްކުރަން ނުފެންނަ ނަމަ އެކަން ކުރެވިދާނެ ކަމަށެވެ.
"ތިބޭފުޅުން ގާނޫނު އަސާސީ އިސްލާހު ކުރާށޭ ވިދާޅުވެއްޖެއްޔާ އަޅުގަނޑު އެކަން ކުރާނަން. ތިބޭފުޅުން ގާނޫނު އަސާސީ އިސްލާހު ނުކޮށް އެހެން ފަރުވާއެއް ގާނޫނަކުން ހޯދުމަށް ބުރަވެއްޖެއްޔާ އެގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކައުންސިލުތަކުގެ މުއްދަތު ހަމަވާނީ ޖޫން މަހު ކަމަށާއި އެހެންކަމުން ބިލު ކުރިއަށް ގެންދަން އަދި ވަގުތު އެބަ އޮތް ކަމަށެވެ.
މައްސަލައިގައި ނަޝީދު ދެކެވަޑައިގަންނަވާ ވަކި ގޮތެއް ނެތް ކަމަށް ވިދާޅުވެ، މިއަދު ޖަލްސާ ވަނީ ނިންމަވާލައްވައިފަ އެވެ.